5 ބިދޭސީން މަރުވި އަލިފާނުގެ ހާދިސާއަށް މަހެއްވަނީ، އެޗްއާރުސީއެމުން ބުނީ އަދިވެސް މައުލޫމާތު އެއްކުރަނީކަމަށް

އދ. ދިގުރަށުގައި މަސައްކަތްކުރާ ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ، ފަސް ބިދޭސިއަކު މަރުވި ހާދިސާއަށް މަހެއްވާއިރު، ތަހުގީގަށް ބޭނުންވާ މައުލޫމާތު އަދިވެސް އެއްކުރުމުގެ މަސައްކަތް ނުނިމޭކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ހާމަކޮށްފިއެވެ. 'ސަން'އިން ވާނީ، ދިގުރަށުގެ އަލިފާނުގެ ހާދިސާގެ ތަހުގީގުގެ ތަފުސީލުތައް ހާމަނުކުރާތީ، މިހާތަނަށް ލިބުނު ކުރިއެރުންތަކާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. އެއާއެކު ކުރުކޮށް ދިން ޖަވާބުގައި އެ ކޮމިޝަނުން ބުނީ އަދިވެސް މައުލޫމާތު އެއްކުރަނީ ކަމަށެވެ. "މި ތަހުގީގަށް ބޭނުންވާ މައުލޫމާތު ދަނީ އެއްކުރެވެމުން،" ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގާ ގުޅޭގޮތުން އެ ކޮމިޝަނުން ބުންޏެވެ. އިތުރު ތަފްސީލެއް އެޗްއާރުސީއެމުން ހިއްސާނުކުރެއެވެ. ދިގުރަށުގައި ހުންނަ ބިދޭސީ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބްލޮކުގައި އަލިފާނުގެ ހާދިސާ ހިނގައިފައިވާ ކަމަށް އެ ރަށު ކައުންސިލުގެ ރައީސް އިބްރާހީމް ޢުޘްމާން 'ސަން'އަށް މީގެ ކުރިން ވިދާޅުވީ، ގޭސް ލީކުވެގެން ކަމަށެވެ. މި ހާދިސާގައި ފަސް މީހަކު މަރުވެ، ދެ މީހަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ