ރައްޔިތުން އިތުބާރު ނުކުރީ ކީއްވެ ހެއްޔެވެ؟
އިންސާނަކަށް މި ދުނިޔޭގައި ލިބޭނެ އެންމެ އަގުބޮޑު މުދަލަކީ އެހެން މީހުންގެ ހިތްތަކުގައި އޭނާއަށް އޮންނަ ލޯތްބާއި އިތުބާރެވެ. އިތުބާރަކީ ބިނާކުރަން އުނދަގޫ، ނަމަވެސް މުގުރާލަން މާ ފަސޭހަ އެއްޗެކެވެ. އަހަރެންގެ ހަޔާތުގެ މި މަރުހަލާގައި ހުއްޓި ހުރެ، އަމިއްލަ ނަފްސާ ކުރެވޭ އެންމެ ބޮޑު ސުވާލަކީ "އަހަރެންނަށް ރައްޔިތުން އިތުބާރު ނުކުރީ ކީއްވެ ހެއްޔެވެ؟" މިއީ ކޮންމެ އިންސާނަކުވެސް އޭނާގެ އިޖުތިމާއީ އަދި މަސްއޫލިއްޔަތުގެ ދާއިރާގައި ވިސްނާލުން މުހިންމު ކަމެކެވެ.އިންސާނަކަށް މީހުން އިތުބާރު ކުރަނީ އޭނާގެ ބަހާއި އަމަލު ދިމާވާ މިންވަރަކުންނެވެ. އަހަރެންނަކީ ވެސް މީހުންގެ މެދުގައި އިހުތިރާމް ލިބިގެންވާ، އެންމެންގެ މަގުބޫލުކަން ހޯދަން މަސައްކަތްކުރި މީހެކެވެ. އިތުބާރަކީ މުޖުތަމައެއްގެ ބިންގަލެވެ. އެކަކު އަނެކަކަށް އިތުބާރު ނުކުރެވޭ ނަމަ، އެ މުޖުތަމައެއްގައި އަމާންކަމެއް ނޯންނާނެ އެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި، ރައްޔިތުން އަހަރެންނަށް އިތުބާރު ކުރަންޖެހޭ ވަރުގަދަ ސަބަބުތަކެއް އޮތެވެ. އެއީ އަހަރެންގެ ކިބައިން ފެނުނު ހިދުމަތްތެރިކަމާއި، މީހުންނަށް އެހީތެރިވުމުގެ ރޫހުގެ ސަބަބުންނެވެ.ނަމަވެސް، ވަގުތުގެ ފުރޮޅެމުންދިޔަ ދުވަސްތަކުގެ ތެރޭގައި ކަންތައްތައް ބަދަލުވި އެވެ. ރައްޔިތުން އަހަރެންނަށް ކުރި އިތުބާރު ކުޑަވެ، އެންމެ ފަހުން އެ އިތުބާރު މުޅިން ގެއްލިގެން ދިޔައީ އެވެ. މިކަން މިހެން ދިމާވީ އަހަރެންގެ އަމަލުތަކަށް އައި ބަދަލެއްގެ ސަބަބުންނެވެ. ކުރިން ވީ ވައުދުތައް ފުއްދުމުގައި ފަސްޖެހުމާއި، އަމިއްލަ އެދުން އިސްކުރެވުމުގެ އެންމެ ފަހުގެ ނަތީޖާއަކީ ރައްޔިތުންގެ މޫނުމަތިން ފެނުނު ނުރުހުމުގެ އަސަރުތަކެވެ. ތެދުވެރިކަމަށްވުރެ ކަންދެއްކުމާއި "މަކަރުވެރިކަން" ކުރިއަށް ނެރެވުނީ އެވެ.މިފަހުން ރައްޔިތުންގެ އިތުބާރު ގެއްލުމުން އަހަރެންގެ ހިތަށް ލިބުނު ދެރައާއި ހިތާމަ ދުލުން އަދި ގަލަމަކުން ބަޔާންކުރަންވެސް ދައްޗެވެ. އެކަނިވެރިކަމާއި، ބައެއް ރައްޔިތުންގެ މަލާމާތުގެ ބަސްތަކުން ހިތް ކުދިކުދިވި އެވެ. މިއަދު އަހަރެން މިހުރީ ރައްޔިތުންގެ ކިބައިން ނުހަނު އިހުލާސްތެރިކަމާއެކު މާފަށް އެދޭށެވެ. އަހަރެންނަށް ކުރެވުނު ކުށްތަކަށް އިއުތިރާފުވަމެވެ. ރައްޔިތުންގެ އިތުބާރު ގެއްލުމުން، އިންސާނާގެ އަގު މުޖުތަމައުގައި ވެއްޓި، އޭނާގެ ބަހަށް އެއްވެސް ބުރަދަނެއް ނުހުރެ އެވެ. އޭރުން އޭނާއަކީ ދިރިހުރި ފުރާނައެއް ފަދަ ބޭކާރު މީހަކަށް ވެދެ އެވެ.އަހަރެން މިއަދު އަޒުމް ކަނޑައަޅަނީ އިސްލާހުވުމަށެވެ. މާޒީގައި ކުރެވުނު ކުށްތަކުން ފިލާވަޅު ލިބިގަނެ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކުރިއަށް ދިއުމަށް ވައުދުވަމެވެ. ކޮންމެ އިންސާނަކަށްވެސް ކުށް ކުރެވޭނެ އެވެ. ނަމަވެސް އެންމެ މޮޅު މީހަކީ ކުށުން ތައުބާވެ، އިސްލާހުވާ މީހާ އެވެ.އިތުބާރަކީ ރަނަށްވުރެ އަގުބޮޑު އެއްޗެކެވެ. އެ އިތުބާރު ހިފެހެއްޓޭނީ ހަމައެކަނި ތެދުވެރިކަމުންނެވެ. އަހަރެންގެ އުންމީދަކީ އަލުން އަނބުރާ ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯދުމެވެ. އެކަމަށްޓަކައި ކުރަންޖެހުނު ކޮންމެ ގުރުބާނީއެއް ވާން އަހަރެން މިއަދު މިހުރީ ތައްޔާރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ