މިލިއަނަކަށްވުރެ ގިނަ މީހުން ފޮލޯކުރާ ފަލަސްތީނުގެ ނޫސްވެރިޔާ ބިސާން ޓިކްޓޮކުން ބޭރުކޮށްފި
ގާތްގަޑަކަށް 1.4 މިލިއަން މީހުން ފޮލޯކުރަމުން ދިޔަ ފަލަސްތީނުގެ ނޫސްވެރިޔާ ބިސާން އޮއުދޫ ޓިކްޓޮކުން ބޭރުކޮށްފިއެވެ. ބިސާންއަށް ޓިކްޓޮކް ބޭނުންނުކުރޭވޭގޮތް ހަދާފައި ވަނީ އެމެރިކާގެ އާ އިންވެސްޓަރުންތަކެއް އެ ޕްލެޓްފޯމު ގަނެފައިވަނިކޮށެވެ. އެމީ އެވޯޑު ލިބިފައިވާ ބިސާން ވަނީ އޭނާގެ ޓިކްޓޮކް އެކައުންޓު މަނާކޮށްފައިވާކަން އިންސްޓަގްރާމް މެދުވެރިކޮށް ފޮލޯވަރުންނަށް އަންގާފައެވެ. "ޓިކްޓޮކުން އަހަރެންގެ އެކައުންޓް ޑިލީޓް ކުރި. އެތަނުގައި 1.4 މިލިއަން ފޮލޯވަރުން ތިބި، އަދި އެ ޕްލެޓްފޯމް ބިނާ ކުރަމުން އަންނަތާ ހަތަރު އަހަރު ވެއްޖެ." ޣައްޒާއިން ނަގާފައިވާ ވީޑިއޯގައި ބިސާން ބުންޏެވެ. ބިސާންގެ އެކައުންޓް ޑިލީޓްކޮށްލިތާ މާ ގިނައިރެއް ނުވެ ހަމަ އެ ނަމުގައި އެހެން މީހަކު އެކައުންޓެއް ހަދާފައިވާކަން ވެސް އޭނާ ހާމަކޮށްފައިވެއެވެ. މިހާރު ޓިކްޓޮކްގައި ހަދާފައިވާ އެކައުންޓުން ޕޯސްޓްކޮށްފައި ހުރީ ބައެއް މީހުންނަށް ބަލަން ފަސޭހަ ނުވާނެ ފަދަ އެއްޗެހި ކަމަށް ބިސާން ބުނެފައިވެއެވެ. އިއްޔެ ނެރުނު ވީޑިއޯގައި ބިސާން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިތުރުން ޓިކްޓޮކް އެމެރިކާ ގޮފީގެ އާ ސީއީއޯ އާދަމް ޕްރެސާ ދާދި ފަހުން ދެއްކި ވާހަކަތަކާއި އޭނާގެ ޓިކްޓޮކް މަނާކުރުމާ ގުޅުމެއް ވާކަމަށް ބުނެފައެވެ. ސޯޝަލް މީޑިއާ އަކީ ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރަންޖެހޭ އެންމެ މުހިންމު އެއް ވަސީލަތް ކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނިއުޔޯކުގައި އިސްރާއީލަށް ތާއީދުކުރާ އިންފްލޫއެންސަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ނަތަންޔާހޫ ވިދާޅުވެފައިވެއެވެ. އޭގެތެރެއިންވެސް އެންމެ މުހިންމު ޕްލެޓްފޯމަކީ ޓިކްޓޮކް ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ. އެމެރިކާގައި ޓިކްޓޮކްގެ ވަކި ވާޝަނެއް ގާއިމް ކުރުމުގެ އެއްބަސްވުމެއް ނިމިފައިވާކަން ޓިކްޓޮކުން މިދިޔަ ހަފްތާގައި އިއުލާން ކުރިއިރު، އާ އެންޓިޓީ ކޮންޓްރޯލް ކުރަނީ އިންވެސްޓްމަންޓް ކުންފުނިތަކުންނެވެ. އޭގެ ތެރޭގައި ގިނައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުންހުރި ކުންފުނިތަކެވެ. އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށިފަހުން ޣައްޒާގައި ހަރަކާތްތަތެރިވަމުންދިޔަ އެތައް ނޫސްވެރިންނެއް މަރައި، އެކި ކަހަލަ އުދަނގޫތައް އިސްރާއީލުންނާއި އެެމެރިކާއިންވެސް އަންނަނީ ކުރިމަތިކުރަމުންނެވެ. ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓުން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި މަދުވެގެން 207 ފަލަސްތީނުގެ ނޫސްވެރިންނާއި މީޑިއާގެ މަސައްކަތްތެރިން މަރާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ