ހުކުރު ދުވަހުގެ ރޭ މާލޭގައި އެމްޑީޕީ އިން ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން މާލޭގެ މޭޔަރު އާދަމް އާޒިމަށް ހަމަލާ ދޭން އުޅުނު މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީން މިހާރު ސިލްސިލާކޮށް ރޭގަނޑު ބާއްވަމުންދާ މަގުމަތީ ހަރަކާތްތަކުގެ ތެރެއިން ހުކުރު ދުވަހުގެ ރޭ ބޭއްވި ހަރަކާތުގައި އާޒިމް ބައިވެރިވެވަޑައިގަތެވެ. އާންމު ވެފައިވާ ވީޑިއޯ އިން ފެންނަނީ ހަރަކާތުގެ ބައިވެރިންނާ އެކު އެންމެ ކުރީ ސަފުގައި ހުންނަވައި އާޒިމް ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެ މަގުން ހިނގާފައި އެ މީހުންނާ ދިމާއަށް ދިޔަ މީހަކު އާޒިމްގެ މޭމަތީ އަތްއަޅާ ކޮއްޕާލާތަނެވެ.
އެއާ އެކު އާޒިމް ކައިރީގައި ތިބި މީހުންގެ ތެރެއިން ބަޔަކު، އެ މީހާއަށް ރައްދުގައި ހަމަލާދޭތަން ވެސް ފެނޭ
ހަމަލާއަށް ފަހު ފަރުވާ ހޯއްދެވުމަށް އާޒިމް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ވެސް ވަޑައިގެންފައި
ތަފްސީލް - ފުލުހުން މިއަދު ބުނީ އެއްވުމުގެ ތެރެއިން މާލެ ސިޓީ މޭޔަރަށް މީހަކު ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އެ ހަމަލާ އަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް ތުހުމަތު ކުރައްވާފައިވަނިކޮށް ސަރުކާރުން އިއްޔެ ވަނީ އެކަން ދޮގުކޮށް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި، އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ މަގުމަތީ ހަރަކާތުގެ ތެރެއިން މާލޭ މޭޔަރު އާދަމް އާޒިމަށް ދިން ހަމަލާއާ ސަރުކާރާ ގުޅުމެއް ނެތް ކަމަށާއި އެކަން ފުލުހުން އިސްނަގައިގެން ބަލަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
މުޒާހަރާ ތެރެއިން އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯއެއް ރައީސް މުހައްމަދު މުއިއްޒަށް ފެނިވަޑައިގެންފައިވާ ކަަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން އެމަނިކުފާނު ކުށްވެރި ކުރައްވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އަދި އެ ހަމަލާގެ ވީޑިއޯ ފުލުހުންނަށް ފެނިގެން އަމިއްލަ އިސްނެގުމަށް މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ސަރުކާރުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އާޒިމަށް ދިން ހަމަލާ ފުލުހުން ތަހުގީގު ކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ