އިޒްރޭލާއި އެމެރިކާ އަދި އިރާނުގެ ހަނގުރާމަ ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލައިފި

އިޒްރޭލާއި އެމެރިކާ އަދި އިރާނުގެ ހަމަލާތައް ކުށްވެރިކޮށް، ހަނގުރާމަ ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.
ހަނގުރާމައަށް ދުވަސްތަކެއް ވެފައިވަނިކޮށް ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާތީ، އެކަމާ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
އެ ހަމަލާތަކުގެ ތެރޭގައި އަންހެން ކުދިން ކިޔަވާ ސްކޫލަކަށް ދިން ހަމަލާގައި 100 އަށްވުރެ ގިނަ އާންމުން މަރުވުމާއި، ހޮސްޕިޓަލްތަކާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ދީފައިވާ ބޮޑެތި ގެއްލުންތައް ވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އޭގެ އިތުރުން ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ގަތަރު، ކުވެއިތު، ބަހުރައިން އަދި ގަލްފު ސަރަހައްދުގެ އެހެނިހެން ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންގެންދާ ހަމަލާތައް ވެސް ކުށްވެރިކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ މިފަދަ އަމަލުތަކުގެ ސަބަބުން ގަލްފު ސަރަހައްދުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސުލްހަ ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭތީ، ހުރިހާ ފަރާތްތަކުންވެސް މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
އޭގެ އިތުރުން މެދުއިރުމަތީގެ ސަރަހައްދަށް ސުލްހައާއި، ހަމަޖެހުމާއި، ރައްކާތެރިކަން ގެނައުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވެސް ދިވެހި ސަރުކާރުން ވަނީ ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ