ވައި ނުސާފުވާތީ އެސްވީއެފްއާރް ބޭނުންކުރަނީ
ރާއްޖޭސަރަހައްދުގެ ވައި އާދަޔާހިލާފަށް ނުސާފުވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ދަށްވެ ވައިގެ ދަތުރުފަތުރަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން، ވައިގެ ދަތުރުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރަން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.ރާއްޖޭގެ ވައިގެ ނިއަމިކަމުގެ ހިދުމަތް ދޭން ހަވާލުކުރެވިފައިވާ ފަރާތުގެ ހައިސިއްޔަތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވައި ނުސާފުވެ ނުވަތަ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެއްޖެ ކޮންމެ ހާލަތެއް މެދުވެރިވާ ވަގުތު އަމަލުކުރާނެ އުސޫލެއް ހަދާފައިވާ ކަމަށެވެ.ރައްކާތެރިކަމުގެ ގޮތުން އަޅާ އެއް ފިޔަވަޅަކީ ބަލައިގެން ދުއްވާ ގަވާއިދު ނުވަތަ ވިޝުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ވަގުތީ ގޮތުން މަޑުޖައްސާލައި، އިތުރު އެހީތެރިކަން ލިބޭނެ ގޮތަކަށް ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރު) އަށް ދަތުރުކުރަން އެންގުމެވެ. އެގޮތުން ދުރުފެންނަ މިންވަރު ފަސް ކިލޯމީޓަރަށް ވުރެ ދަށްވާ ހާލަތްތަކުގައި އާންމުކޮށް ބޭނުންކުރާ ވީއެފްއާރު ބޭނުންކުރުން ވަގުތީ ގޮތުން މަޑުޖައްސާލައި، އެސްވީއެފްއާރު ބޭނުންކޮށްގެން ދަތުރު ކުރުމަށް މަތިންދާބޯޓުތަކަށް އެންގުމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން މީގެ ކުރިންވެސް އަމަލުކުރަމުން އައިސްފައިވާ އުސޫލެއް ކަމަށްވެސް ބުންޏެވެ."މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން ބައެއް ފަހަރު ވީއެފްއާރު ވަގުތީ ގޮތުން މަޑުޖައްސާލައި، އެސްވީއެފްއާރު އަންނަނީ ބޭނުންކުރެވެމުންނެވެ،" ބަޔާނުގައި ބުންޏެވެ. "އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ދަތުރުތައް ކުރާ ހުރިހާ އެއާލައިންތަކާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއެކު އެންމެ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށެވެ." އެމްއޭސީއެލްގެ ބަޔާނުގައިވެ އެވެ. މިދިޔަ ހަފުތާ ތެރޭ ރާއްޖެތެރޭގައި ދުރުފެންނަ މިންވަރު ވަނީ 1.5 ކިލޯ މީޓަރަށްވުރެ ދަށްވި އެވެ.ވައިގެ ސާފުކަން ހުންނަ މިންގަނޑުގެ ރީޑިންތަކާއި މެޕުތައް ފޯރުކޮށްދޭ އައިކުއޭ އެއާގެ ރެކޯޑްތައް ދައްކާ ގޮތުގައި، މިދިޔަ މަހެއްހާ ދުވަހު ރާއްޖޭގެ ވައިގެ ކޮލިޓީ ހުރީ ސިއްހަތަށް ގެއްލުންވާ މިންވަރުގަ އެވެ. އެވްރެޖުކޮށް ރީޑިން ހުރީ 63 އިން މަތީގަ އެވެ.އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ