ޓްރަމްޕްގެ ޢަމަލުތަކާ ގުޅިގެން ވޯލްޑްކަޕް ބޮއިކޮޓް ކުރަން ގޮވާލާ އަޑު ގަދަވެއްޖެ

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ބޮއިކޮޓް ކުރުމަށް ފުޓްބޯޅަ ސަޕޯޓަރުން ގޮވާލަން ފަށައިފިއެވެ.
މި ގޮވާލުންތައް އިތުރުވެފައިވަނީ އެމެރިކާގެ ސަރުކާރުން ބައިނަލްއަގުވާމީ މައިދާނުގައި ނިންމަމުންދާ ނިންމުންތަކާއި، އެ ގައުމުގެ އެތެރޭގެ މަސްރަހު ނުތަނަވަސްވުމާ ގުޅިގެންނެވެ.
އެގޮތުން މީސްމީޑިއާގައި ވޯލްޑްކަޕް ބޯއިކޮޓް ކުރަން ގޮވާލާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވޯލްޑް ކަޕްގެ ކޯ-ހޯސްޓެއް ކަމަށްވާ މެކްސިކޯގެ ޑްރަގް ކާޓެލްތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުން ހިމެނެއެވެ.
މީގެ އިތުރުން، އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާއަށް އަރައި އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކުރުމާއި، ޑެންމާކުގެ މިލްކުވެރިކަން އޮންނަ ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން ބޭނުންވާކަމަށް ތަކުރާރުކޮށް ބުނަމުންދިއުން ވެސް ހިމެނެއެވެ.
އެމެރިކާގެ އެތެރޭގެ ހާލަތަށް ބަލާއިރު، އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (ICE) ގެ އޮފިސަރެއްގެ އަތުން ރެނީ ގުޑް ނަމަކަށް ކިޔާ އަންހެނަކު މަރުވުމާ ގުޅިގެން ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.
މިކަމާ ގުޅިގެން މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖަމްއިއްޔާއެއްގެ އެގްޒެކެޓިވް ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ސަފާ ބުނި ގޮތުގައި، އޭނާ ވަނީ ވޯލްޑް ކަޕްގެ ޓިކެޓްތައް ކެންސަލްކޮށްފައެވެ. އޭނާ ބުނި ގޮތުގައި އެމެރިކާއަކީ މިހާރު ޒިޔާރަތްކުރަން ރައްކާތެރި ތަނެއް ނޫނެވެ.
އިނގިރޭސި ސިޔާސީ ޝަޚްސިއްޔަތެއް ކަމަށްވާ ޖޯޖް ގަލޮވޭ ވެސް ވަނީ އެމެރިކާއަށް ދަތުރުކުރުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ބުނެފައެވެ.
މީގެ އިތުރުންވެސް ގިނަ ބަޔަކު އަންނަނީ ވޯލްކަޕް ބޯއިކޮޓްކުރަން މީސްމީޑިއާގައި ގޮވާލަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، 2025 ވަނަ އަހަރު ފީފާއިން ވަނީ ރައީސް ޓްރަމްޕަށް "ފީފާ ޕީސް ޕްރައިޒް" އަރުވާފައެވެ. ނަމަވެސް ގިނަ ބަޔަކު ދަނީ ދުނިޔޭގެ ސުލްހައަށް ނުރައްކާކުރާ ގައުމެއްގައި ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއް ބޭއްވުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕަކީ 3.4 މިލިއަނަށްވުރެ ގިނަ މީހުން ބަލަން ދިޔަ، ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ހަރަކާތެވެ. ނަމަވެސް މިހާރު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން 2026 ގެ މުބާރާތަށް މިވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ