އެންރީކޭ، އާ ޗެލެންޖެއް ނަގަން ބޭނުންވާތީ ޕީއެސްޖީގެ ކޮންޓްރެކްޓް އާ ކުރަން ބޭނުމެއް ނޫން އެންރީކޭ، އާ ޗެލެންޖެއް ނަގަން ބޭނުންވާތީ ޕީއެސްޖީގެ ކޮންޓްރެކްޓް އާ ކުރަން ބޭނުމެއް ނޫން

ޕެރިސް (ޖެނުއަރީ 11) - ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީގެ ކޯޗަކަށް ހުރި ލުއިސް އެންރީކޭ، ކޯޗިން ކެރިއަރުގައި އާ ޗެލެންޖެއް ނަގަން ޝައުގުވެރިކަން ހުރުމާ އެކު، ޕީއެސްޖީއާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ބޭނުންނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެންރީކޭ، 55، މި ވަގުތު ޕީއެސްޖީގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ. ޕީއެސްޖީން ދާދި ފަހުން އެންރީކޭ އަށް ދޭން މަޝްވަރާކުރި އެއްބަސްވުމަކީ، މުޅި ކެރިއަރުގައި އެއްކޮށް އެ ކްލަބްގައި ހުންނަން ބޭނުންވާނަމަ، އެ ފުރުސަތު އޮންނަ ކޮންޓްރެކްޓެކެވެ.
އެކަމަކު، ރިޕޯޓްތައް ބުނާގޮތުން، އެންރީކޭ ވަނީ ޕީއެސްޖީގެ ވެރިން ގާތުގައި އެ ކްލަބާ އެކު ދެން އިތުރު އެއްބަސްވުމެއް ނަހަދާނެ ކަމަށް ބުނެފަ އެވެ.
ބާސެލޯނާގެ ކުރީގެ ކޯޗު، އެންރީކޭ ވަނީ މީގެ ކުރިން ސްޕެނިޝް ލީގާއި އިޓާލިއަން ލީގުގައި މަސައްކަތްކޮށްފަ އެވެ. އަދި، އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކާ ހަވާލުވުމުގެ ޝައުގުވެރިކަން ހުރި ކަމަށް ތަކުރާރުކޮށް އެކި އިންޓަވިއުތަކުގައި ބުނެފަ އެވެ. އެ ގޮތުން، މީގެ ކުރިން އެންރީކޭ ވަނީ ޕީއެސްޖީއާ ހަވާލުވުމުގެ ކުރިން ޗެލްސީއާ އެކު މަޝްވަރާކޮށްފަ އެވެ.
އިނގިރޭސި ގަދަ ދެ ބާރު ކަމަށްވާ، މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުން އެ ކްލަބްގެ ކޯޗުކަން އެންރީކޭއާ ހަވާލުކުރަން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ ތިން އަހަރު ކުރިން، 2023 ވަނަ އަހަރު ޕީއެސްޖީއާ ހަވާލުވި އެންރީކޭ ވަނީ އެ ޓީމަށް 10 ޓްރޮފީ ހޯދައިދީފަ އެވެ. އޭގެ ތެރޭގައި އެ ކްލަބްގެ ތާރީހުގައި މުޅިން އަލަށް ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ފީފާ އިންޓަކޮންޓިނެންޝިއަލް ކަޕް ހޯދައިިދިނެވެ. އެކަމަކު، މިދިޔަ އަހަރުގެ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުން ޗެލްސީ އަތުން ބަލިވީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ