އެމެރިކާއިން ގްރީންލޭންޑަށް ހަަމަލާދީފިނަމަ ރައްދު ދޭނަން:ރަޝިޔާ
އެމެރިކާއިން ގްރީންލޭންޑަށް ހަމަލާ ދީފިނަމަ ރައްދު ދިނުމަށް ރަޝިޔާ ތައްޔާރަށް އޮތް ކަމަށް ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ނާއިބު ސާގޭ ރިޔަބްކޯވް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ގްރީންލޭންޑުގައި ގޯލްޑަން ޑޯމް މިސައިލް ޑިފެންސް ޕްރޮގްރާމް ކުރިއަށްގެންދިއުމަަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އަމަލުކޮށްފިނަމަ ރަޝިޔާއިން އަސްކަރީ ފިޔަވަޅުތައް އަޅާނެއެވެ. ރަޝިޔާގެ ދައުލަތުގެ ނޫސް އެޖެންސީ ޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިޔަބްކޯވް އެގޮތަށް ވިދާޅުވީ ޗައިނާގައި ހުންނަ ރަޝިޔާ އެމްބަސީގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. "އެމެރިކާ މީހުން ބައެއް ހަތިޔާރުގެ ނިޒާމުތައް އެ ސަރަހައްދަށް ގެންގޮސް ނުވަތަ އެމީހުންގެ ގޯލްޑަން ޑޯމް ކޮންސެޕްޓްގެ ވަކި މާއްދާތަކެއް ގްރީންލޭންޑްގައި ކުރިއަށް ގެންދިއުމަށް ނިންމައިފިނަމަ، އެއީ އަސްކަރީ އަދި ފަންނީ ބަދަލު ދިނުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ހާލަތަކަށް ވާނެ. އަދި އެ ފިޔަވަޅުތައް އަޅަން އަޅުގަނޑުމެންގެ ސްޕެޝަލިސްޓުން ފުދޭވަރަކަށް ތައްޔާރަށް ތިބޭނެ. އެކަމުގައި އެއްވެސް ޝައްކެއް ނެތް." ރަޔަބްކޯވް ވިދާޅުވިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ މަލްޓިލޭޔާޑް މިސައިލް ޑިފެންސް ޕްރޮގްރާމް ކަމަށްވާ ގޯލްޑަން ޑޯމްއާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށާއި 2029 ވަނަ އަހަރު ދައުރު ނިމޭއިރު ނިންމާލެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މަހު ވަނީ ވިދާޅުވެފައެވެ. ޑެންމާކާއި ގްރީންލޭންޑާއި ޔޫރަޕްގެ އެހެން ގައުމުތަކުގެ ވަރުގަދަ އިއުތިރާޒުތަކާ އެކު ވެސް ޓްރަމްޕް ވަނީ ގައުމީ ސަލާމަތީ ސަބަބުތަކާ ހުރެ ގްރީންލޭންޑް ހޯދަން ބޭނުންފުޅުވާކަން ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ޕްލޭނާ ދެކޮޅަށް ވާހަކަދައްކާ ގައުމުތަކުގެ މުދަލުން ޓެރިފް ނަގާނެ ކަމަށްވެސް މިދިޔަ މަހު ވިދާޅުވިއެވެ. ނަމަވެސް ފަހުން ވަނީ އެ އިންޒާރު އަނބުރާ ގެންދަވައި ނޭޓޯއާއެކު މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ. ރަޝިޔާއިން އެމެރިކާއަށް އިންޒާރު ދީފައިވާއިރު، އެމެރިކާ އާއި ރަޝިޔާއާ ދެމެދު 2010 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ ހަތިޔާރު ކޮންޓްރޯލް ކުރުމުގެ މުއާހަދާތަކުގެ ތެރެއިން އެންމެ ފަހު މުއާހަދާގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެއެވެ. މުއާހަދާ އިތުރު އަހަރަކަށް ދަންމާލުމަށް އެދި އެމެރިކާއަށް ހުށަހެޅި ނަމަވެސް އެކަމަށް އެމެރިކާއިން އިޖާބަ ދީފައި ނުވާ ކަމަށް ރަޝިޔާއިން ބުނެއެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން ޑިމިޓްރީ މެޑްވެޑޭވް 2010 ވަނަ އަހަރު ސޮއިކުރި ނިއު ސްޓާޓް މުއާހަދާގައި އެމެރިކާ އާއި ރަޝިޔާއަށް ބޭނުންކުރެވޭނެ ސްޓްރެޓެޖިކް ނިއުކްލިއާ ވޯހެޑްތަކުގެ އަދަދު ކަނޑައަޅާފައިވެއެވެ. އެ މުއާހަދާއަށް 2011 ވަނަ އަހަރު ފެބްރުއަރީ މަހު އަމަލުކުރަން ފެށިއިރު، އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 2021 ވަނަ އަހަރު މުއާހަދާގެ މުއްދަތު ފަސް އަހަރަށް އިތުރު ކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ