ތާރާ އާއި ވީރްގެ ގުޅުން ގުޑުވާނުލެވޭނެ ކަމަށް ބަތަލާ ބުނެފި
ބޮލީވުޑްގެ ޒުވާން ބަތަލާ ތަރާ ސުތާރިއާ އާއި ފިލްމީ ތަރި ވީރް ޕަހަރިޔާގެ ލޯބީގެ ގުޅުން އެއްވެސް ބަޔަކަށް ގުޑުވާނުލެވޭނެ ކަމަށް ބަތަލާ ބުނެފިއެވެ. ތާރާގެ މިހެން ބުނެ ސޯޝަލް މީޑިއާގައި އިއްޔެގެ ވަގުތެއްގައި ޕޯސްޓެއް ކޮށްފައި ވަނީ ސޯޝަލް މީޑިއާގައި އެ ދެތަރިންގެ ވީޑިއޯއެއް ދައުރުވެ އެ ވީޑިއޯއަށް ގިނަ ބަޔަކު އެކި ގޮތްގޮތަށް ކޮމެންޓްކުރަން ފެށުމާ ގުޅިގެންނެވެ. މުމްބާއީގައި ދާދިފަހުން ބޭއްވި އިންޑޯ-ކެނޭޑިއަން ލަވަކިޔުންތެރިޔާ އަދި ރެޕަރު އޭޕީ ދިލޮންގެ ކޮންސެޓްގައި ތާރާ ބައިވެރިވެ ލަވަކިޔުންތެރިޔާއާ އެކު ވަރަށް ގައިގޯޅިކޮށް އުޅުނު މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. އެ ވީޑިއޯގެ ބައެއް މަންޒަރުތައް އެޑިޓްކޮށްފައިވާ ކަމަށް ތާރާ ބުނެފައި ވަނީ ވީޑިއޯގައި ބަތަލާގެ ލޯބިވެރިޔާ ވީރް ވަރަށް ރުންކުރުކޮށް އުޅޭ މަންޒަރުތަކެއް ހިމަނާފައި ވުމުންނެވެ. ތާރާ އާއި އޭޕީ ދިލޮން މުމްބާއީގައި ބޭއްވި ކޮންސެޓުގައި ޕާފޯމްކުރަނިކޮށް ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވާ ވީޑިއޯގެ މަންޒަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ތާރާ އާއި ލަވަކިޔުންތެރިޔާ އޭޕީ ދިލޮން ސްޓޭޖްމަތީގައި ގައިގޯޅިކޮށް ނަށާ މަންޒަރު ފެނުމުން ވީރް އެކަމާ ހިތްހަމަނުޖެހިފައި ހުންނަ މަންޒަރު ދައްކުވައިދޭ ކަހަލަ ގޮތަކަށް އިންޓަނެޓުގައި ދައުރުވާން ފެށި ވީޑިއޯއަށް ވަރަށް ގިނަ ބަޔަކު ވަނީ ފަހުން ޖޯކް ޖަހާ އޭގެ މީމްތައް ވެސް ހެދުމަށްފަހު އަލުން ރީ-ޕޯސްޓްކުރަން ފަށާފައެވެ. މިކަމާ ގުޅިގެން ތާރާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ، މުމްބާއީގެ އޯޑިއަންސްގެ ފަރާތުން ލިބުނު ލޯތްބަށް ޝުކުރު އަދާކުރާ ކަމަށެވެ. ތާރާ އާއި އޭޕީ ދިލޮން އެކީގައި މަސައްކަތްކޮށްފައިވާ މިއުޒިކް ވީޑިއޯއަށް ލިބުނު ތަރުހީބަށް ވެސް ބަތަލާ ވަނީ ޝުކުރު އަދާކޮށްފައެވެ. ހަމައެއާއެކު އެޑިޓްކޮށްފައިވާ ވީޑިއޯތަކާ އެކު ހަގީގަތާ ޚިލާފު ވާހަކަތަކަތެއް ބަތަލާއާ ގުޅޭގޮތުން ދައްކަނީ ފައިސާދީގެން ޕީއާރް ކެމްޕޭންތަކެއް ހިންގާ ބަޔަކު ކަމަށާއި އެފަދަ މީހުންގެ އަމަލުތަކުން ތާރާ އާއި ވީރްގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ފިލްމީ ތަރިންނަށް އަމާޒުކޮށް ހިންގާ އެފަދަ ކަންކަމަކީ މިހާރު ވަރަށް ބޮޑު ޖޯކެއް ކަމަށާއި ލޯތްބަކީ އެއަށްވުރެ މާ ބާރުގަދަ އިހުސާސެއް ކަމަށް "ސްޓޫޑަންޓް އޮފް ދަ އިޔާ 2"ގެ ބަތަލާ ބުނެފައިވެއެވެ. ފިލްމު "އަޕޫރްވާ"އިން އެންމެފަހުން ފެނުނު ބަތަލާގެ، އެންމެ އަވަހަށް ރިލީޒްވާނީ އަންނަ އަހަރުގެ މާޗް މަހު ރިލީޒްކުރާ ފިލްމު "ޓޮކްސިކް"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ