މިއަދު ވެސް ނުރައްކާ މިންވަރަށް ވައި ނުސާފު، ސަމާލުވޭ!

ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ވައިގެ ނުސާފުކަން މިއަދު ވެސް ހުރީ ސިއްހީ ގޮތުން ނުރައްކާ މިންވަރެއްގައި ކަމަށް ވައިގެ ސާފުމިން ބަލާ "އައިކިއު އެއާ" އިން ދައްކައިފިއެވެ. ވައިގެ ސާފުމިން ބަލާ މިންގަނޑުތަކަށް ބަލާއިރު، ރާއްޖޭގެ އުތުރުން ކުޅުދުއްފުށީ ސަރަހައްދުގައި މިއަދު ވައިގެ ސާފުމިން ހުރީ 159 ގައެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު ނުރައްކާ މިންވަރެކެވެ. މީގެ އިތުރުން މެދުރާއްޖޭތެރެއިން މާލޭ ސަރަހައްދުގައި ވެސް ވައިގެ ނުސާފުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މާލޭ ސަރަހައްދުގެ ވައިގެ ސާފުމިން ހުރީ 154 ގައެވެ. ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ހޭޒްގެ އަސަރު ފޯރާފައިވީ ނަމަވެސް، މި އަސަރު އެންމެ ކުޑައީ ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލަކާއި އައްޑޫއަށެވެ. އެ ސަރަހައްދުތަކުގައި ވައިގެ ސާފުމިން ހުރީ އާދައިގެ ނުވަތަ އާންމު ހާލަތެއްގައެވެ. ރާއްޖޭގެ ވައި ނުސާފުވެ، ފުސްކަން ގަދަވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި، ކުޑަކުދިންނާއި އަދި އުމުރުން ދުވަސްވީ މީހުން ބޭރަށް ނުކުމެ އުޅުމުގައި ސަމާލުވުމަށް އެޗްޕީއޭއިން ބާރުއަޅައެވެ. އާންމު ގޮތެއްގައި ރާއްޖެއަށް މި ދުވަސްވަރު މިފަދަ ހޭޒްގެ އަސަރު ކުރަނީ އިރުވައި މޫސުމުގެ ވަޔާއެކު އަވަށްޓެރި ގައުމުތަކުން ދުން ބޭރުވުމުގެ ސަބަބުންނެވެ. އޭގެ ތެރޭ އިންޑިއާގެ ދަނޑުތައް އެންދުމުން އުފެދޭ ދުން ވެސް ހިމެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރު ވައި ނުސާފުވުމުގެ މައްސަލަ މީގެ ކުރިން ދިގުލައިގެން ނުދާހާ މިންވަރަށް ގޮސްފައިވާއިރު އެ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ އެބައޮތެވެ. https://sun.mv/217981 ވައި ނުސާފުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެ ގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެއެވެ. އެޗްޕީއޭއިން ވަނީ ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވެސް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ