ފީީފާ ވޯލްޑް ކަޕް މުބާރާތް ސްޕެއިނުން ކާމިޔާބު ކުރުމާ ގުޅިގެން އެ ގައުމުގެ ރަސްގެފާނު ފެލީޕޭ 6 ވަނަ އަށާއި ބޮޑުވަޒީރު ޕޭދްރޯ ސަންޗެސް ޕެރޭސް ކަސްތޭހޯންއަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ މަރުހަބާ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އާދިއްތަ ދުވަހުގެ ރޭ ބޭއްވި ފައިނަލްގައި ސްޕެއިނުން ވޯލްޑް ކަޕްގެ ތަށި އުފުލާލީ 2022 ވަނަ އަހަރުގެ ޗެމްޕިއަން އާޖެންޓީނާއާ ވާދަކޮށް 1-0ގެ ނަތީޖާ އަކުންނެވެ.
ތަފްސީލް - ސްޕެއިންގެ ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ އެ ގައުމުގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި ރައީސް ވިދާޅުވީ މި ކާމިޔާބީއަކީ ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހުނަރާއި މަސައްކަތްތެރިކަމާއި ކުޅިވަރުގެ މޮޅުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
ފުޓުބޯޅައަކީ ރާއްޖޭގައި މަގުބޫލު ކުޅިވަރެއްކަން ފާހަގަކުރައްވައި ސްޕެއިން ޓީމަކީ ދިވެހިންގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޓީމެއްކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި އެވެ.
ސްޕެއިންގެ ކާމިޔާބީ މުޅި ރާއްޖޭގައި ވަރަށް އުފަލާ އެކު ފާހަގަކޮށްފައިވާ ކަމަށާއި މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމާއި ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސްގެ މެސެޖުތަކުގައި ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ މެސެޖުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ސްޕެއިންގެ ފަތުރުވެރިންނާއި ބައިވެރިންގެ ފަރާތުން މެދުކެނޑުމެއްނެތި ލިބެމުން އަންނަ އެހީތެރިކަން ވެސް ފާހަގަ ކުރެއްވި އެވެ.
ވޯލްޑް ކަޕްގައި ސްޕެއިނުން ހޯދި ކާމިޔާބީއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ