ޔޫކޭގެ ކޮލެޖް އޮފް ޕޮލިސިންއިން ހިންގި އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް ދިވެހި އަންހެން ފުލުހަކު ފުރިހަމަކޮށްފި

އިނގިރޭސިވިލާތުގެ ކޮލެޖް އޮފް ޕޮލިސިންއިން ހިންގި "އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް" ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ފުރިހަމަކުރައްވައިފިއެވެ. މި ޕްރޮގްރާމަކީ ފުލުހުންގެ މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި، މުއައްސަސާގެ އެންމެ މަތީ ފަންތީގެ ލީޑަޝިޕް ދައުރުތަކަށް އޮފިސަރުން ތައްޔާރުކުރުމަށްޓަކައި ހިންގާ ޕްރޮގްރާމެކެވެ. މި އަހަރުގެ ފެބްރުއަރީ 26 އިން ފެށިގެން ޖުމުލަ 19 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ލީޑަޝިޕް ޕްރޮގްރާމްގެ ފަހު މޮޑިއުލް، 'މޮޑިއުލް ތިނެއް' ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 29 އިން ޖުލައި 10 އަށް އިނގިރޭސިވިލާތުގައެވެ. ފުލުހުން ބުނީ މި ޕްރޮގްރާމަކީ ބައިވެރިންގެ މަސައްކަތުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، ފުލުހުންގެ މަތީ ފަންތީގެ ލީޑަޝިޕް މަގާމުތަކަށް ބޭނުންވާނެ ހުނަރާއި، ގާބިލުކަން އަދި އިލްމީ މައުލޫމާތު އިތުރަށް ތަރައްގީކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި އަހަރުގެ ޕްރޮގްރާމުން ދުނިޔޭގެ އެކި ގައުމަތަކުން ޖުމުލަ 62 އޮފިސަރުން ދަސްވެނިވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. ހަމައެއާއެކު މި ޕްރޮގްރާމްގެ ތެރެއިން، މުއައްސަސާގެ މިހާރުގެ ހިންގުމުގެ ނިޒާމުތައް މުރާޖާކޮށް ކުރިއަށް ހުރި ފުރުސަތުތައް ދެނެގަތުމާ ބެހޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން ސްޓޭކްހޯލްޑަރުންނާއި ބައިވެރިންނާ ގުޅިގެން މަސައްކަތްކުރުމުގައި ހުރި ގޮންޖެހުންތަކާއި، އެ ގުޅުންތައް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދިރާސާކޮށް މުރާޖައާކުރުމުގެ ހުނަރުތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން އޮފިސަރުންނަށް އުނގަންނައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ