މި އަހަރުގެ ރަމަޟާންމަސް ފެށެންވާއިރަށް، ކަރަންޓުގެ މައްސަލަ ދިމާވާ ރަށްރަށުގެ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ނަޖާހް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއެއްގޮތަށް އަންނަ ރަމަޟާންމަހަށް ކަރަންޓުގެ މައްސަލަ ދިމާވާ ރަށްރަށުގައި ހުރި މައްސަލަަތައް ހައްލުކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ކުރަމުންދާކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ފެނަކައިން މިހާރު ޓެކްނިކަލް އިވެލުއޭޝަންގެ މަސައްކަތްތަކެއް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ. ނަޖާހް ވިދާޅުވީ މިއީ ރަށްރަށުގެ ކަރަންޓުގެ މިހާރުގެ ހާލަތު ދެނެގަތުމަށްކުރާ މަސައްކަތެއްކަމަށެވެ.
މި މަސައްކަތް ކުރިއަށް ދިޔަނަމަވެސް ރަމަޟާންމަހަށް ވަމުންދާ ތައްޔާރީތައް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށާއި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރިންވެސް ދިރާސާތަކެއް ހަދާފައިވާކަން ނަޖާހް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި މި ދިރާސާގެ ތެރެއިން މައްސަލަ އުޅޭ 46 ރަށެއް ފާހަގަވެފައިވެއެވެ.
ނަޖާހް ވިދާޅުވިގޮތުގައި އަމާޒަކީ އައު ޖެންސެޓް ހޯދައިގެންނާއި މަރާމާތުކުރަން ޖެހޭ ޖެންސެޓްތައް މަރާމާތުކޮށްގެން ރަމަޟާން މަހަށް ކަރަންޓުގެ މައްސަލަ ދިމާވާރަށް ރަށްރަށުގެ މައްސަލަ ހައްލުކުރުމެވެ. އެގޮތުން ރަމަޟާންމަހުގެ ކުރިން 46 ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލައަކީ ދޭތެރެދޭތެރެއިން ދިމާވާ މައްސަލައަކަށްވާއިރު މި އަހަރުގެ ރަމަޟާން މަސް އައުމުގެ ކުރިން ކަރަންޓުގެ މައްސަލަ ދިމާވާ ރަށްރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅަށް ދާދިފަހުން ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ރޯދައިގެ ކުރިން ރަށްރަށުގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ