ޝިފްޒާ ކަޓުވާލުމަށް ފަހު މުހައްމަދު އަބްދުﷲ އާއި ސަރާހަތު ބްރޮޑްކޮމްއަށް ލާން މަޖިލީހުން ރުހުން ދީފި

މީޑިއާގެ ދާއިރާގައި ތަޖުރިބާ ހޯއްދަވާފައިވާ ޝިފްޒާ މުސްތޮފާ ކަޓުވާލުމަށް ފަހު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި އާމިނަތު ސަރާހަތު އިއްޒަތު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ގުޅުންހުރި - މީގެ އިތުރުން، ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަން ކުރަން މަޖިލީހުން މިއަދު ދެން ރުހުން ދިނީ އެ ކޮމިޝަންގެ މެންބަރުކަން ކުރިން ކުރެއްވި އާމިނަތު ސަރާހަތު އިއްޒަތުއަށެވެ. 
ވީ ކިހިނެއް؟ - ދައުރުން ބޭރުން މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން، ބްރޯޑްކޮމްގެ ހުސްވެފައިވާ ދެ ގޮނޑިއަށް ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް ފަހު އެންމެ މަތިން މާކްސް ލިބުނު ތަރުތީބުން ތަޅުމުގައި ވޯޓަށް އަހައިފަ އެވެ. އެގޮތުން: 
ކޮމިޓީން %89 ދިން ސަރާހަތަށް ރުހުން ލިބުނީ 68 މެންބަރުންގެ ބޯޓުން؛ އޭނާއަށް ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވާ
ދެން ވޯޓަށް އެހީ ކޮމިޓީން ދެވަނައަށް އެންމެ ގިނައިން މާކްސް ދިން ކުރީގެ ނޫސްވެރިޔާ ޝިފްޒާ މުސްތަފާއަށް؛ އޭނާގެ ނަން ފާސްކުރުމާ ދެކޮޅަށް 50 މެންބަރުން ވޯޓް ދެއްވި؛ ފެންނަ ކަމަށް ލިބުނީ 11 ވޯޓް
ނޫސްވެރިއެއްގެ ގޮތުގައި ވިޓީވީގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ޝިފްޒާގެ ނަން ތަޅުމުން ފެއިލްކޮށްލި ނަމަވެސް ކޮމިޓީން %84 މާކްސް ލިބުނެވެ.
ތަފްސީލް - ޝިފްޒާގެ ނަން ފާސްނުވުމުން ދެން ވޯޓަށް އެހީ ކޮމިޓީން ތިން ވަނައަށް އެންމެ މަތިން މާކްސް ދީފައިވާ ނަމަށެވެ. އެއީ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ އިސް ހަރަކާތްތެރި އާއި އަދި ކުރީގެ ކޮމޭޑިއަންއެއް ކަމަށްވާ މުހައްމަދު އަބްދުﷲ އަށެވެ. އެގޮތުން:
އޭނާ ބްރޯޑްކޮމްއަށް އައްޔަން ކުރަން ފެންނަ ކަމަށް 58 މެންބަރުން ވޯޓް ދެއްވި
ނުފެންނަ ކަމަށް ވޯޓް ދެއްވީ ދެ މެންބަރެއް
ފާހަގަކޮށްލެވޭ - ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަންކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރެއިން އެ މަނިކުފާނު އިސްކަން ދެއްވީ:
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހީމް މުއާޒު (ޓީވީ މުއާ) އާއި މުހައްމަދު އަބްދުﷲ އަށް  
އެހެން ނަމަވެސް މުއާޒުގެ ނަމަށް ތަޅުމުގައި ވޯޓަށް އެހޭ ވަރަށް ކޮމިޓީން މާކްސްއެއް ނުލިބުމުން އޭނާގެ ނަން ފެއިލްވި
ބްރޯޑްކޮމްއަށް އެންމެ މަތިން މާކްސް ލިބިގެން މަޖިލީހުން މިއަދު ރުހުން ލިބުނު ސަރާހަތުގެ ނަން ވެސް ރައީސް ތަރުތީބުކޮށް މަޖިލީހަށް ފޮނުއްވި ލިސްޓުގައި އޮތީ ހަތް ވަނަ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ