މޫސުން ގޯސްވުމުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

އެންޑީއެމްއިން އެދިފައިވަނީ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިއާލައި އަޅައި، ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމަށެވެ.
ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން އިލްތިމާސްކޮށްފި އެވެ. 
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ސަބަބަކީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، މި ކޮޅިގަނޑާއި ގުޅިފައިވާ ލޯޕްރެޝަރުގެ ސަބަބުން ކަމަށެވެ.މި ކޮޅިގަނޑުގެ ސަބަބުން ޖެނުވަރީ 1 އިން 5 އަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ.މެޓުން ބުނީ މި ފަސް ދުވަހު ވައި ޖެހޭނީ އިތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، އިތުރާއި އިރު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަނޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ އެވެ."ވީމާ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން، މި ސާވިސްއިން ނެރެމުންދާ އެންމެފަހުގެ މޫސުމީ ނިމުތުތަކާއި ސަމާލުތަކަށް އިސްކަން ދެއްވުމަށް އިސްތިމާސްކުރަން،" މެޓުން ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން އެންޑީއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އެގޮތުން ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ހާއްސަ ސަމާލުކަން ދޭންވީ ބައެއް ކަންކަން އެ އިދާރާއިން ފާހަގަކުރި އެވެ. 
އޭގެ ތެރޭގައި ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ބަލައި، ގެދޮރަށް ފެން ނުވަންނާނެހެން ކުރިޔާލާ ގޭގެ ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެހުމަށާއި، ފެންބޮޑުވުމުން ގެއްލުންވެދާނެ ހިސާބުގައި ބަހައްޓާފައި ހުންނަ ތަކެތި ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުމަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން އެދިފައިވެ އެވެ. 
އަދި ވައި ގަދަވެގެން ފުރާޅު އެއްލައިލާނެކަމަށް ބެލެވޭނަމަ ކުރިއާލައި ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު ހައްޔަރުކުރުމަށާއި ގަދަވައިގެ ސަބަބުން އެއްލާލަފާނެ ފަދަ ތަކެތި ރައްކާތެރިކުރުމަށްވެސް އެ އިދާރާއިން އިލްތިމާސްކުރި އެވެ. 
އަދި ވައިގަދަވެ ވިއްސާރަވާ ހާލަތުގައި ބޭނުންނުކުރާ ކަރަންޓު ސާމާނު ނިއްވައިލުމާއި، ކަނޑުދަތުރުފަތުރު ކުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކުން ހޯދުމާއި، ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާ މުވާސަލާތީ ނިޒާމު ފުރިހަމައަށް ޔަގީންކުރުމަށްވެސް އެންޑީއެމްއޭއިން އިލްތިމާސްކުރެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ