ބިއްލޫރި ހޮޅިއެއްގެ ތެރެއިން މާލޭ ރައްޔިތުން ގެންދަން ނޫޅުއްވާ: ރައީސް ޞާލިހު

މާލޭގެ ރައްޔިތުންނަށް ރަނގަޅުވާނީ، ގުޅިފަޅާއި، ގިރާވަރު ފަޅާއި، ހުޅުމާލޭ ފޭސް 3 ހިއްކުމުން ކަމަށާ، ފުށިދިއްގަރުފަޅު ހިއްކައިގެން އެތަނަށް “ބިއްލޫރި ހޮޅިއަކުން” ނުވަތަ އަންޑަރ ވޯޓަރ ޓަނެލް އަކުން މާލެ ރައްޔިތުން ގެންދަން ނޫޅުއްވުމަށް ކުރީގެ ރައީސް، އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގެ ތެރެއިން މާފަންނު އަވަށުގެ ހަތަރު ދާއިރާއަށް އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވަނީ އެމަނިކުފާގެ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންނަށް، ގޯތި ދޭން ނިންމި ސަރަހައްދުތައް ހިއްކައި އެ ގޯތިތައް އަވަހަށް ހަވާލުކުރުމަށް އަދުގެ ސަރުކާރަށް ގޮވާލައްވާފައެވެ.
އެގޮތުން ރައީސް ޞާލިހު ވިދާޅުވީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ގުޅީފަޅުގެ އިތުރުން ގިރާވަރުފަޅާއި، ހުޅުމާލެ ފޭސް ތިނެއްގެ ނަމުގައި މަސައްކަތްތަކެއް ކުރަން ފެށި ކަމަށާއި ވެރިކަމުން ފޭބިއިރު 148 ހެކްޓަރުގެ ބިން އެ ތިނުގައި އޮންނާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.
އަދި މިއަދު އެ ތަންތަނުން ގޯތި ނުދެވެންވީ އެއްވެސް ސަބަބެއް ނެތް ކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވަނީ ހުޅުމާލެ ފޭސް ތިނެއް ހިއްކަން ފެށުމުން އެކަން ހުއްޓާލައްވަން މާލޭގެ މޭޔަރަކަށް ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެފައެވެ. 
"މިއަދު އެ އޮތީ އެކަން (ފޭސް 3 ހިއްކުން) ހުއްޓާލާފައި. ފުށިދިއްގަރުގައި އަލަށް ބިނާކުރާ ތަނެއްގެ ވާހަކަ، އެކަން ވެސް ކުރަންވީ. އެހެން ނަމަވެސް މިއަދު ފެށިފައި މިއޮތް ބޮޑެތި މަޝްރޫއުތައް ހުއްޓާ ނުލާ، ކޮންމެހެން ބިއްލޫރި ހޮޅިއެއްގެ ތެރެއިން މާލޭ ރައްޔިތުން ގުޅިފަޅަށް ގެންދަން އުޅޭނެ ކަމެއް ނެތް. ހޮޅިއަކީ އަޅުގަނޑުމެން ދަންނަ އެއްޗެއް މާކުރިން ވެސް. އެ ކޮންމެހެން ބިއްލޫރިއަކަށް ހަދައިގެން އެކަން ކުރަން އުޅޭނެ ކަމެއް ނެތް،"
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
ރައީސް ޞާލިހު ވިދާޅުވި ގޮތުގައި މާލޭ ރައްޔިތުންނަށް އަދިވެސް އެންމެ ރަނގަޅު ގޮތަކީ، ގުޅި ފަޅާއި، ގިރާވަރު ފަޅާއި އުތުރު ތިލަފަޅު ހިއްކައިގެން އެތަންތަނުން ގޯތި ދިނުމެވެ. އަދި ގުޅިފަޅުން އިތުރު ހެކްޓަރ ހިއްކަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވާ ނަމަވެސް، އެކަން ކުރައްވާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށް ޞާލިހު ވިދާޅުވިއެވެ. 
ރައީސް ޞާލިހު ވިދާޅުވީ ރައްޔޮތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕި އަށް ބޭނުންވަނީ އެފަދަ ސަބަބު ތަކަށްޓަކައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ