މަޖިލިސް ރައީސް ކަނޑައަޅާނީ ޕާޓީ ލެވަލްގައި މަޝްވަރާކުރުމަށްފަހު: ހީނާ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައަޅާނީ ޕާޓީ ލެވަލްގައި މަޝްވަރާ ކުރުމަށްފަހު ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.އަންނަ މަހުގެ 28 ގައި އެކުލަވައިލާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ވޯޓު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އާ މެމްބަރުކަމުގެ ހުވާ ކުރައްވާ އަބްދުއްރަހީމް އަބްދުﷲ މިފަހުން ވަނީ ދެއްވައިފަ އެވެ.ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކި ބޭފުޅަކަށް ތާއީދު ކުރައްވާތޯ ސުވާލު ކުރައްވާފަ އެވެ.ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވި ގޮތުގައި ސަރުކާރަަށްވުރެ ބޮޑަށް މަޖިލީހުގެ ރައީސް ކަނޑައެޅުމުގެ މަޝްވަރާ ކުރިއަށްދާނީ ޕާޓީ ފެންވަރުގަ އެވެ."ސަރުކާރަށްވުރެ ބޮޑަށް އެއީ އަޅުގަނޑުމެންގެ ޕާޓީ ލެވަލްގައި މަޝްވަރާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ނިންމުމުގެ ކަންކަން ކުރިއަށްދާނީ،" ހީނާ ވިދާޅުވި އެވެ. މި ފަހަރު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާގެ ގޮނޑި އަބްދުއްރަހީމް ކާމިޔާބު ކުރެއްވީ 1،649 ވޯޓުންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން އަބޫބަކުރަށް ހޯއްދެވުނީ 491 ވޯޓެވެ. މި އިންތިހާބުގައި މާވަށު ދާއިރާ ފިޔަވައި ލ. އަތޮޅުގެ ތިން ދާއިރާ ވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ. މާވަށު ދާއިރާގެ ގޮނޑު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓެވެ.އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްވެސް ވަނީ މަޖިލީހުގެ ރައީސްކަމަށް ބައްޕަ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އިއްޔެ ދެއްވާފަ އެވެ.ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކާމިޔާބު ހޯއްދެވި ބޭފުޅުން މަޖިލިސް މެމްބަރުކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު މޭ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ފައިސަލް ވިދާޅުވީ 28 ގެ ފަހުން ލ. އަތޮޅުގައި އުފާފާޅުކުރާނެ ކަމަށެވެ. ވިހިވަނަ މަޖިލީހުގައި ޕީއެންސީއަށް ނިސްބްތްވެވަޑައިގަންނަވާ 73 މެންބަރުން އެބަތިބި އެވެ. އެހެން ކަމުން މަޖިލިސް ރައީސްކަމަށް އަންނާނީ، ޕީއެންސީގެ ފަރާތުން އެންޑޯސް ކުރާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ