ޖޭޕީއަކީ ދަލު ބޭރުން ޖެހިގެން އުޅޭނެ ޕާޓީއެއް ނޫން، ސަރުކާރު ގޯސްވެއްޖެއްޔާ އެ ވާހަކަވެސް ދައްކާނަން: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) އަކީ ދަލު ބޭރުން ޖެހިގެން އުޅޭނެ ޕާޓީއެއް ނޫން ކަމަށާއި ބައިވެރިކޮށްގެން އުޅޭ ބަޔަކާއެކު ގުޅިގެން މަސައްކަތްކުރާނެ ކަމަށް އެ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީންނާއި ދަ ޑިމޮކްރެޓްސް އިން ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމި މައްސަލައިގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ގާސިމް މިއަދު ވިދާޅުވީ ސަރުކާރަށް ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ވެދެމުން އަންނަ ކަމަށާއި ގޯސްތައް ހަދާ ނަމަ، އެ ވާހަކަތައް ވެސް ދައްކާނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ އެއް އިރެއްގައި ވެސް މީހަކު ބޭނުން ނުކުރާ ވަރަކަށް އެ ބަޔަކާއެކު ގުޅެން އުޅޭނެ ބައެއް ނޫން. ބޭނުންކުރި ވަރަކަށް އަޅުގަނޑުމެން އެ ބަޔަކާއެކު ހުންނާނަން. ދަލު ބޭރުން ޖެހިގެން އުޅޭނެ ބައެއް ނޫން މިއީ. އަޅުގަނޑަކީ ހަމަގައިމުވެސް އެހެން ދާނެ މީހެއް ނޫން،" ގާސިމް ވިދާޅުވިއެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ގާސިމާއި ދަނގެތި ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ދާއިރާއަށް ވާދަނުކުރަން ޕީއެންސީން ނިންމުމާ ގުޅިގެން ގާސިމް ވިދާޅުވީ، އެގޮތަށް އިއުލާންކުރުމުން ޝުކުރު އަދާކުރާ ކަމަށާއި ނަމަވެސް އެއީ އެއްބަސްވުމަކަށް އައިސްގެން ނިންމި ނިންމުމެއް ނޫން ކަމަށެވެ.
"މީގެ ކުރިން ޕީޕީއެމްގެ ސަރުކާރުން ވެސް އަޅުގަނޑުމެންނާއެކު އެއްބަސްވެފައި އޮތް އެއްބަސްވުމެއްގެ ދަށުން އެބޭފުޅުން މާމިގިލީ ދާއިރާ އަދި އެނޫން ވެސް ދާއިރާތަކަށް އެއްބަސްވެފައިވާ ގޮތަށް ކުރިމަތިނުލައްވާ. މިފަހަރު އަޅުގަނޑުމެންނަށް އެކަހަލަ ކަމެއް ނެތިވެސް ސަރުކާރުން އެގޮތަށް އެ ނިންމެވީ އެބޭފުޅުންނަށް ވިސްނިވަޑައިގެންފައި އޮތް ގޮތުގައި ކޮންމެވެސް ރަނގަޅު ވިސްނުންފުޅުތަކެއް އެބޭފުޅުން ހުރި ކަމަށްވެދާނެ. އަޅުގަނޑު ހަމަގައިމުވެސް އިތުރު ޑިސްކަޝަނެއް އެބޭފުޅުންނަކާ ނުކުރަން،" އޭނާ ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ޖޭޕީއާ އެއްވެސް ބަޔަކާއެކު މިހާރު ކޯލިޝަނެއް ނޯންނާނެ ކަމަށާއި މިދިޔަ ސަރުކާރުން ވެސް ކޯލިޝަނެއް ހެދީ ނަމެއްގައި ކަމަށެވެ. އަދި އޭރު ވެސް އެއްބަސްވިގޮތަށް ކަންކަން ހަމަޖައްސައިދީފައި ނުވާ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ