ކާމިޔާބު ލިބޭނީ ގައުމަށްޓަކައި ފިދާވާން ތައްޔާރަށް ތިބެގެން: މައުމޫން

ކާމިޔާބު ލިބޭނީ ގައުމަށްޓަކައި ފިދާވާން ތައްޔާރަށް ތިބި ކަމުގެ އަޒުމާއެކު މަސައްކަތްކޮށްގެން ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ ރައީސްގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، އެންމެ ފުރަތަމަ އިސްކުރަންވީ ގައުމު ކަމަށެވެ. "ގައުމަށްޓަކައި އަޅުގަނޑުމެން މިތިބީ ފިދާވާން ތައްޔާރަށޭ. އަޅުގަނޑުމެން އެންމެން މިތިބީ ގައުމަށްޓަކައި މަރުދޭން ތައްޔާރަށޭ. އެހެންކިޔާފަ އަޅުގަނޑުމެން އެންމެ ހިނގާށޭ އަޑުއުފުލަމާ. އަދި އެގޮތަށް މަސައްކަތް ކުރުމަށް. އެގޮތަށް ކޮށްފިއްޔާ އަޅުގަނޑުމެންނަށް ކުރިއަށްދެވެން އޮންނާނީ،" މައުމޫން ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ، މިއަދަކީ މިސަރުކާރަށް ތިން އަހަރު ފުރޭ ދުވަސް ކަމަށާއި ކާމިޔާބީތަކެއްގެ ވާހަކަ މިއަދު ދެކެވެން އޮތްނަމަ އެމަނިކުފާނު އުފާކުރީސް ކަމަށެވެ. މިއަދު ކާމިބީތަކުގެ ވާހަކަ ދެއްކެން ނެތް ކަމަށާއި ކަންތައްދިޔައީ އިދިކޮޅަށް ކަމަށް މައުމޫން ވިދާޅުވިއެވެ. ޕާޓީގެ އެންމެ މުހިންމު އެއް އަސާސަކީ ހަރުދަނާ ޑިމޮކްރެޓިކް ވެއްޓެއް ގާއިމްކުރުން ކަމަށާއި ނަމަވެސް ފެނިގެން މިދަނީ އެ ފުރުސަތުތައް ބަންދުވެ އެއްދުވަހުން އަނެއް ދުވަހަށް ސިޔާސީ ގޮތުން ހަރަކާތްތެރިވުމުގެ ޖާގަ ހަނިވާތަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ، ޑިމޮކްރެސީ އަކީ ސިޔާސީ ގޮތުން ތަފާތު ޚިޔާލުތަކަށް ޖާގަދޭ މާހައުލެއް އޮންނަ ނިޒާމެއް ކަމަށާއި މިއަދު ފެންނަމުން މިދަނީ އެއާ ޚިލާފަށް އެކި ޕާޓީތަކާ މެދު ފިޔަވަޅު އަޅަމުންދާ މަންޒަރު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ ޕީޕީއެމްގެ މެމްބަރުން ބުރަ މަސައްކަތްކޮށްގެން ގެނައި ސަރުކާރެއް ކަމަށާއި މިއީ ވަކި ބޭފުޅެއްގެ އެކަނި ސަރުކާރެއް ނޫން ކަމަށެވެ. "އަޅުގަނޑުމެން ގެނައި ސަރުކާރެއް މިއީ. މިއީކީ ވަކި ބޭފުޅެއްގެ ސަރުކާރެއް ނޫން. މިއީ ޕީޕީއެމްގެ ސަރުކާރެއް. ޕީޕީއެމްގެ ހުރިހާ އެންމެން މަސައްކަތްކޮށްގެން ޕީޕީއެމްގެ ޓިކެޓެއްގައި ވާދަކޮށްގެން ޕީޕީއެމްގެ މެނިފެސްޓޯ ހިއްޕަވައިގެން ވަޑައިގެން ކެމްޕޭން ކުރައްވައިގެން އައީ. މި ހުރިހާ އެންމެން ބައިވެރިވެގެން، އަޅުގަނޑުވެސް ބައިވެރިވެގެން، ތިޔަބޭފުޅުން ވެސް ބައިވެރިވެވަޑައިގެން، އަދި އަތޮޅުތަކުގައި ތިއްބެވި ޕީޕީއެމްގެ ލޮބުވެތި މެމްބަރުން ބައިވެރިވެވަޑައިގެން ގެނައި ސަރުކާރެއް މިއީ،" މައުމޫން ވިދާޅުވިއެވެ. ޕީޕީއެމްގެ ސަރުކާރުން އަމަލު ކުރަންޖެހޭނީ ޕީޕީއެމްގެ އަސާސީ ގަވާއިދާއި ރާއްޖޭގެ ގާނޫނޫ އަސާސީއާ އެއްގޮތަށް ކަމަށާއި ނަމަވެސް މިއަދު ފެންނަމުން މިދަނީ އެއާ އިދިކޮޅަށް މަސައްކަތް ކުރާތަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެންދެވީ މިއީ ޕީޕީއެމްގެ ސަރުކާރެއް ކަމަށް ގަބޫލުނުކުރެވޭތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެހެންވީމަ ވަރަށް ހިތާމަޔާއެކު މި ސަރުކާރަށް އަޅުގަނޑު ކުރާ ތާއީދު އަނބުރާ ގެންދިޔަ ވާހަކަ އޮންނާނީ އިއުލާންކޮށްފައި. މަޖުބޫރުވެގެން އެކަން ކުރީ. މަޖުބޫރުވެގެންނޭ މިދެންނެވީ އެނޫން ގޮތެއް ނެތިގެން. މިހާރު ކަންތައްތައް ވަމުން މިދާގޮތުން މިއީ ޕީޕީއެމްގެ ސަރުކާރެއް ކަމަށް ގަބޫލު ނުކުރެވޭތީ،" މައުމޫން ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ، ސިޔާސީ ކަންތައްތަކުގައި އަބަދު ދިމާވާނީ ކާމިޔާބީ ނޫން ކަމަށާއި ހިތްދަތި ކަންތައްތަކާ ވެސް ދިމާވާނެ ކަމަށެވެ. އެފަދަ ހާލަތްތަކުގައި އެކަންކަން ތަހަންމަލްކޮށްގެން ވަރުގަދަ އަޒުމެއްގައި މަސައްކަތްކޮށްފިނަމަ ކާމިޔާބު ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ