"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކުރި އަމުރު އެމްޖޭއޭ އިން އިސްތިއުނާފުކޮށްފި

އައިޝާ ޑޮކިއުމެންޓަރީ ދައުރުކުރުން މަނާކޮށް، އެ ޑޮކިއުމަންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އެއްވެސް ތަނެއްގައި ނުދެއްކުމަށް އަންގައި ހުރިހައި ރައްޔިތުންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
މި އަމުރަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވި މި އަމުރުގައިވާ ގޮތުން، އަދަދު ނޫހުގެ ސީއީއޯ ސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒުފުކުރުމުގެ ދައުވާ އުފުލިފައިވާތީ ކްރިމިނަލް ކޯޓުން ގެންދަނީ އެ މައްސަލަ ބަލަމުންނެވެ.
މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ އައިޝާ ޑޮކިއުމެންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން މުޅިން މަނާކޮށްފަ އެވެ. މީގެ އިތުރުން އެ ވީޑިއޯގައި ހިމެނޭ ވާހަކަތައް، އެއްވެސް ފަރާތަކުން ސީދާގޮތުންނާއި ނުސީދާގޮތުން ދެއްކުމަކީ ވެސް މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
ކޯޓު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާކަމެކެވެ. އަދި މުޖުތަމައުގެ އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމުގެ މުހިންމުކަމަށް ރިއާޔަތްކޮށް، މި މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އާންމުކޮށް ހުޅުވާނުލައި ސިއްރު ޝަރީއަތެއްގެ ގޮތުގައި ކަމަށް ވެސް އެ އަމުރުގައި ބަޔާންކޮށްފައި ވެ އެވެ. މި މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ މައުލޫމާތެއް އެއްވެސް ސިފައެއްގައި ފެތުރުމަކީ ކޯޓު އަމުރާ ހިލާފުވުން ކަމުގައި ވެސް އެ އަމުރުގައި ކަނޑައަޅައިފައި ވެ އެވެ.
އެމްޖޭއޭ އިން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ މި އަމުރަކީ މުޅި މުޖުތަމައަށް އަމާޒުކޮށް ނެރެފައިވާ އަމުރަކަށް ވާއިރު، މީގެ ސަބަބުން އާންމު ރައްޔިތުންނާއި ނޫސްވެރިންގެ އަސާސީ ހައްގުތަކަށް އުނިކަން ލިބޭ ކަމަށެވެ. ހާއްސަކޮށް ވަކި މައުލޫމާތެއް ފެތުރުން މުޅިން މަނާކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ. އެހެންކަމުން، މި އަމުރު ބާތިލުކުރުމަށް އެދި ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އާންމު މަސްލަހަތު ހިމެނޭ ކަމެއްގެ ގޮތުގަ އެވެ.
މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ކޯޓަށް އަމާޒުވެފައިވާއިރު، ގާނޫނީ މާހިރުން ވެސް އަންނަނީ މި އަމުރުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދަމުންނެވެ. ވަކިން ހާއްސަކޮށް، ޝަރީއަތުގައި ހިމެނޭ ހަސްމުންގެ އިތުރުން މުޅި ރައްޔިތުންގެ މައްޗަށް މިފަދަ އަމުރެއް ހިންގުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ފުށުއަރާ ކަމެއްގެ ގޮތުގައި ގާނޫނީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ