ރައީސްގެ ހިޔާލު: ތިން ހާސް ހަމަ ނުވާ އާބާދީތަކަށް ތިން ކައުންސިލް މެމްބަރުން، ބޮޑެތި އާބާދީތަކަށް ފަހެއް!

ރާއްޖޭގެ ރަށްތަކުގެ ތެރެއިން އާބާދީގައި ތިން ހާސް ހަމަ ނުވާނަމަ ކައުންސިލަށް ހޮވާނީ ތިން މެމްބަރުންކަމަށް ކަނޑައެޅުން ރަނގަޅުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނާރެސް ޕޯޓަލްއައި، ކުރަނގި އޮޕަރޭޝަންގެ ފޭސް ދޭއް އިފްތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ލާމަރުކަޒީ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. ދައުލަތް ހިންގުމުގެ ނިޒަމަށް ގެންނަން ނިންމެވި ބަދަލުތަކުގެ ތެރޭގައި، ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރުން ވެސް ހިމެނެ އެވެ. އަދި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކާއި، ނިޒާމު ބައްޓަން ކުރަން ޖެހޭ ގޮތުގެ ގައުމީ ދިރާސާ އޮގަސްޓު މަހުގެ ތެރޭގައި ލިބޭނެކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ލަފާކުރެ އެވެ.
ކައުންސިލްތަކުގެ ނިޒާމު އޮތީ ބުރަހެލިކޮށްކަމަށް އެމަނިކުފާނު ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައި ރައީސް މިރޭ ފާހަގަކުރެއްވީ އެ ނިޒާމަށް ގެނެވިދާނެ ބައެއް ބަދަލުތަކެވެ. އެގޮތުން ރައީސް ވިދާޅުވީ ކައުންސިލްތައް ބައްޓަން ވާން ޖެހެނީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދެވޭ ގޮތަށް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތަކުގެ އަދަދު ސްޓްރީމްލައިން ކުރުން ވެގެން ދާނީ، ހިދުމަތްތައް ފުރިހަމަކޮށް ދެވޭނެ ސަބަބަކަށް ކަމަށެވެ. ގާނޫނު މިހާރު އޮތް ގޮތުން ކުޑަ އާބާދީއަކަށް ވެސް ގިނަ ކައުންސިލް މެމްބަރުން އިންތިހާބު ކުރަން ޖެހޭއިރު އެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިކަމުގެ ސަބަބުން ބޮޑުވަނީ ކުރަން ޖެހޭ ހޭދަތައްކަމަށާއި ނެރެވޭ ނަތީޖާއެއް ނެތް ކަމަށެވެ.
އެފިޝިއަންޓު ރަނގަޅު ބަދަލުތަކަކަށް ބޭނުން ވަނީ ދިރާސާތައްކަމަށް ރައީސް ވިދާޅުވި އެވެ. އަދި އޭގެ އަލީގައި ބަދަލުތައް ގެންނާނީ މަޝްވަރާގެ ތެރެއިންކަމަށް ވިދާޅުވި އެވެ. އެއަށް ފަހު ރައީސް ވިދާޅުވީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި، ތިންހާހަށް ވުރެ މީހުން މަދު ރަށްތަކުގައި ތިން ކައުންސިލް މެމްބަރުން ތިބޭ ގޮތަށް ހަމަޖެއްސުން ރަނގަޅެވެ.
ރައީސް ވިދާޅުވީ ކައުންސިލް މެމްބަރުންގެ ތެރޭގައި ޒުވާނުން ތަމްސީލު ކުރާނެ މެމްބަރަކާއި، އަންހެނުން ތަމްސީލު ކުރާނެ މެމްބަރެއް ހުރުން ރަނގަޅުކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ދެން އިންތިހާބު ކުރާނީ ކައުންސިލް ރައީސެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އާބާދީގައި 3000 އާއި 10،000 ރައްޔިތުން އުޅޭ ރަށްތަކުގައި ކައުންސިލަށް ފަސް މެމްބަރުން ރަނގަޅުކަމަށާއި ސިޓީތަކަށް އަދަދު އިތުރު ކުރެވިދާނެ ކަމަށެވެ.
މިއީ އެމަނިކުފާނުގެ ހިޔާލެއް ނަމަވެސް، ގޮތް ނިންމަވާނީ މަޝްވަރާކޮށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބެލުމަށް ފަހުކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ