ކަރަންޓް ޙިދުމަތް ދިނުމުގައި ރައްޔިތުންނަށް ދަނީ އޮޅުވާލަމުން - އެމްޑީޕީ

ޕީޕީއެމް އެމްޑީއޭ ކޯލިޝަން ސަރުކާރުން ހުރިހާ ކަމެއްވެސް ކުރަނީ އޮޅުވާލުމާއި ކޮރަޕްޝަންގެ ތެރެއިން ކަމަށާއި ރައްޔިތުންނަށް ތެލާ ކަރަންޓު ފޯރުކޮށްދިނުމުގައިވެސް ގިނަގުނަ އޮޅުވާލުންތަކެއް ހުރިކަން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ސިޔާސަތު ކޮމިޓީން ފާހަގަކޮށް މިކަންކަމާމެދު ކަންބޮޑުވުން ފާޅުކުރާކަމަށް ވިދާޅުވެ އެމްޑިޕީ އިން ބަޔާނެއް ނެރެފިއެވެ.
މި ބަޔާނުގައި ވަނީ ދިވެހި ރައްޔިތުންނަށް މިސަރުކާރުން ގިނަގުނަ ހަޤީޤަތްތަކެއް އޮޅުވާލަމުން ދާ ކަމަށާއި، ވެރިންގެ ޖީބަށް ބަރުކުރުމަށާއި އަދި އެކިއެކި ސިޔާސީ ބޭނުންތައް ހާސިލްކުރުމަށް ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެ ރައްޔިތުންގެ ހައްގުތަށް ނިގުޅައިގަންނަކަމަށެވެ.
''2010 ވަނަ އަހަރު އެމް.ޑީ.ޕީ ސަރުކާރު އޮތް އިރު އެވްރެޖްކޮށް ޑީސްލް ފީފާއެއް 1235 ރުފިޔާއަށް ލިބޭއިރު، އޭރު ޑީސަލް ލީޓަރެއް ވިއްކީ 10.10 ރުފިޔާއަށް. އެހެންނަމަވެސް 2015 ގައި ޑީސަލްގެ އަގު ދުނިޔޭގެ ބާޒާރުގައި ވަރަށް ބޮޑު ތަން ދަށްވެ ފީފާއެއް އެވްރެޖްކޮށް 539 ރުފިޔާއަށް ވެއްޓުނެ އިރުވެސް މިއަގަށް އައި ބަދަލުން ރައްޔިތުންނަށް ލުޔެއް ލިބިފައިނުވާއިރު، ތެޔޮ ލީޓަރެއް ވިއްކާފައިވަނީ 10 ރުފިޔާއަށް. އަދި މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިތުރަށް ދަށްވެ ތެޔޮ ފީފާއެއް އެވްރެޖްކޮށް 416 ރުފިޔާއަށް ލިބޭ އިރުވެސް ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދެމުންދާ އަގު އިންތިހާޔަށް ބޮޑު،'' އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އަދި 2010 އަޅާބަލާއިރު 2015 ވަނަ އަހަރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަށް 3 ގުނަ އިތުރަށް ފައިދާ ވެފައިވާކަމަށާއި މިއީ ރައްޔިތުންނަށް ލުޔެއް ނުދީ އަގުބޮޑުކޮށް ތެޔޮ ވިއްކައިގެން ލިބިފައިވާ ފައިދާއެއްކަމަށް މި ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ސަރުކާރުން ކަރަންޓު ފޯރުކޮށްދޭ އަގު ބޮޑުކޮށްފައިވާކަމަށާއި ރައްޔިތުންނަށް ކުރިންވެސް ކަރަންޓް ބިލް ބޮޑުވާތީ ލުޔެއް ދިނުމުގެގޮތުން 2010 ވަނަ އަހަރުން ފެށިގެން ދެމުންގެންދިޔަ ކަރަންޓް ސަބްސިޑީ ކަނޑާލާފައިވުމަކީވެސް ރައްޔިތުންނަށް ހެޔޮ އެދޭ އޯގާތެރި ސަރުކާރަކުން އަމަލު ކުރާނެ ގޮތެއް ނޫންކަމަށްބުނެ، ކަންބޮޑުވާކަމަށްވެސް ބަޔާނުގައި ވެއެވެ.
އަދި މިގޮތަށް ކަރަންޓު ސަބްސިޑީގެ ގޮތުގައި ދެވޭ ފައިސާ ދިނުން ހުއްޓާލުމުން ސަރުކާރަށް 700 މިލިއަން ރުފިޔާ 2016 ވަނަ އަހަރު ލިބިގެންދާނެކަމަށާއި ، މިއީ ރައްޔިތުންގެ ހައްގެއް ނިގުޅައިފަތުމަށްފަހު ރައްޔިތުންގެ އަތުން ސަރުކާރަށް މިއަހަރު ތެރޭގައި އިތުރަށް ނަގާނެ ފައިސާކަމަށް މި ބަޔާނުގައި ވެއެވެ. އަދި ކަރަންޓު ބިލް ބޮޑުކޮށްފައި، ސަބްސިޑީ ކަނޑާލުމުން ރައްޔިތުންގެ ޖީބުން 1.5 ބިލިއަން ރުފިޔާ އިތުރަށް ނަގާނެކަމަށް ވިދާޅުވެފައިވެއެވެ.
ކަރަންޓު ބިލް ކުޑަކުރާކަމަށް ދެއްކުމަށްޓަކައި ބިލް ކުރާ މުއްދަތު 30 ދުވަހުން 22 ދުވަހަށް ބަދަލުކުރުމަށް ގަސްދުކޮށްފައިވާކަމަށް މުއުތަބަރު ފަރާތްތަކުން ސިޔާސަތު ކޮމިޓީއަށް މައުލޫމާތު ދެއްވާފަވާކަމަށާއި މިހެން ހެދުމުން ކޮންމެ 22 ދުވަހަކުން ބިލް އަންނަ އިރު ކަރަންޓު ބިލް ކުޑަވާހެން ހީވާނެކަމަށާއި، އެހެން ހުރިހާ ކަމެއްގައިވެސް އަމަލުކުރާ ފަދައިން ކަރަންޓުގެ ޚިދުމަތް ފޯރުކުރުމާ ރައްޔިތުންގެ އަތުން މިޚިދުމަތަށް ފައިސާ ނެގުން ވެސް ރޭވިފައިވަނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށް މިބަޔާނުގައި ވެއެވެ.
އަދި ސްޓެލްކޯ އުފެދުމުގެ ފަހުން ގެއްލުމުގައި ހިންގުމަށްފަހު އެމްޑީޕީ ސަރުކާރުގައި ސްޓެލްކޯ އަކީ 2010 ގައި ފައިދާވާ ކުންފުންޏަކަށްވަނީ ވެފައިކަމަށާއި މިގޮތަށް ވެގެންދިޔަ އެންމެ ބޮޑު ސަބަބަކީ ކުރީގަ ދެމުން ދިޔަ ގޮތަށް ސަރުކާރުން ކުންފުންޏަށް ފައިސާ ދިނުމުގެ ބަދަލުގައި ސަބްސިޑީގެ ގޮތުގައި ސީދާ ރައްޔިތު މީހާގެ ބިލްގެ ބައެއް ސަބްސިޑީގެ ގޮތުގައި ދައްކަން ފެށުމުން ކަމަށެވެ. އަދި މިގޮތުން ކޮރަޕްޝަނަށް ހުޅުވިފަވާ ދޮރުތައްވެސް ބަންދުވެގެން ދިޔަކަމަށްވެސް މި ބަޔާނުގައި ވެއެވެ. އެހެންނަމަވެސް މިހާރު ސަރުކާރުން ވަކި ސަބަބެއް ތަފްސީލުކޮށްދިނުމެެއްނެތި ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ދައްވެފައިވާ ވަގުތެއްގައި ކަރަންޓުގެ އަގު ބޮޑުކޮށް ސަބްސިޑީ ކަނޑާލުމަކީ ރައްޔިތުންނަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާނެކަމަށް ދެކޭކަމަށެވެ. އަދި ސަބްސިޑީ ދެވޭ ފަރާތްތަކަކީ ޤައުމުގައި އެންމެ އެހީއަށް ބޭނުންވާ ފަރާތްތައް ކަމަށާއި އެ ރައްޔިތުންގެ ހައްޤުަތައް އަދާނުކޮށްދީ މިސަރުކާރުން ބަލާފައިވަނީ މިނިވަން 50 އަށް ބޮކި ފަތި ދިއްލުމާއި، ރައީސް ޔާމިން އަށް 2 ޔޮޓް ހޯދުމަށާއި، އަދި މިނޫނަސްަ ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަންކުރުމަށް ކަމަށް ވި ބަޔާނުގައި ވެއެވެ.
ދިވެހި ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރުމުގެ ބަދަލުގައި ވަކި ބައެއްގެ މުނިފޫހިފިލުވުމަށް ނުވަތަ ވެރިންގެ އުފަލާ ހިތްހަމަޖެހުމަށް ކަންކަން ކުރަމުން މިސަރުކާރުން ގެންދާތީ އެކަން ކުށްވެރިކުރާކަމަށްވެސް މި ބަޔާނުގައިވެއެވެ.އަދި ދިވެހި ރައްޔިތުންގެ ދަލާއި ލޭ އޮހޮރުވައިގެން ކުރާ ބުރަ މަސައްކަތުން ލިބޭ ފައިސާ މިސަރުކާރުން އޮޅުވާލުމާ، މަކަރާ، ހީލަތުގެ ތެރެއިން އަތުލާ އަދި ކޮރަޕްޝަންގެ އަމަލުތަކުން މިފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާތީ މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ، ކަރަންޓު ބިލް ބޮޑު ނުކުރުމަށާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުންނަ އަގުގެ ނިސްބަތުން އަތްފޯރާ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށާއި، ސަބްސިޑީ ކަނޑާނުލުމަށް ހަރު އަޑުން ގޮވާލާކަމަށް އެމް.ޑީ.ޕީ ސިޔާސީ ކޮމިޓީގެ މި ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ