މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ސަރުކާރުން 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފި

ދެހާސް ވިހިވަނަ އަހަރުގެ ފުރަތަމަ މަސް ނިމި ދެވަނަ މަހުގެ ހަވަނަ ދުވަހާއި ހަމައަށް ސަރުކާރުން 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އާމްދަނީއާ ހަރަދުތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މުއްދަތުގެ ތެރޭގައި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 2.4 ބިލިއަން ރުފިޔާއެވެ. ބަޖެޓް ސާޕްލަސްގެ ގޮތުގައި، 772.7 މިލިއަން ރުފިޔާ ބާކީވެފައިވެއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތުން 1.6 ބިލިއަން ރުފިޔާ މިއަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައިވީ ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތު ތެރޭގައި ހަރަދު ކޮށްފައިވާ މިންވަރަށް ވުރެ 428.8 މިލިއަން ރުފިޔާ މަދު މިންވަރެކެވެ. އެހެންކަމުން ދައުލަތުން ވަނީ މި އަހަރުގެ މި މުއްދަތުގައި 20 ޕަސެންޓު ހަރަދު ކުޑަކޮށްފައެވެ.
ވިހި ޕަސެންޓުގެ ހަރަދު ދައުލަތުން ކުޑަކޮށްފައިވާއިރު ކޮވިޑް-19އާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ދައުލަތުގެ އޮފީސްތަކުގެ ހަރަދު ކުޑަ ކުރުމަށް އަންގާފައެވެ. ފިނޭންސް މިނިސްޓްރީން އޮފީސްތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ހަރަދު ކުޑަކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުވަ ފިޔަވަޅެއް އަޅަން ވަނީ އަންގައިފައެވެ. އެގޮތުން ފިނޭންސްގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ކުންފުނީގެ އިދާރީ އޮނގަނޑަށް އަދި މުސާރައިގެ އޮނިގަނޑަށްވެސް އެއްވެސް ބަދަލެއް ނުގެންނަން ވަނީ އަންގައިފައެވެ. ހަމަ އެއާއެކު ބަޖެޓުގައި ހިމަނާފައި ވީނަމަވެސް، މިހާރު ނުދޭ އެއްވެސް އެލަވަންސެއް މި އަހަރު ތެރޭގައި އަލަށް ދޭން ނުފަށަންވެސް ވަނީ އަންގައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ