ދަތާއެކު ތުންފަތް ވެސް އުނގުޅުން މުހިއްމު!

މިހާތަނަށް އަހަރެމެންނަށް އެނގިފައި އޮންނަނީ ދަތް އުނގުޅާ ބުރުހުން އުނގުޅަން ޖެހޭނީ ހަމައެކަނި ދަތް ކަމަށެވެ. ދަތް އުނގުޅަމުން ގޮސް ބުރުހުގެ ނަރުތައް ދެމި ހަލާކުވާން ފެށީމަ ދެން އެ ބުރުސް ބޭނުން ކުރަނީ ގޭތެރެ ސާފުކުރުމުގެ ކޮންމެވެސް މަސައްކަތަކަށެވެ. ނަމަވެސް ބުރުހުން ތުންފަތް ވެސް އުނގުޅާ ސާފު ކުރެވިދާނެކަން އެނގޭ ހެއްޔެވެ؟ މިއީ ވަރަށް ހީނުކުރާ ކަހަލަ ކަމެއް ދޯއެވެ. އަދި ތުންފަތް އުނގުޅީމަ ވަރަށް ތަދުވާނެކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވޭނެ އެވެ.
ނަމަވެސް ސައިންސް ބުނަނީ ދަތް އުނގުޅާ ބުރުހުން ތުންފަތް އުނގުޅާ ސާފު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އޭރުން ތުންފަތުގައި ހުންނަ މަރުވެފައިވާ ހަންތައް ނެއްޓި އާ ހަން އަރަން މަގު ފަހިވާނެ އެވެ. އަދި ތުންފަތް ފަޅައިގެން ދިއުން ފަދަ ކަންތައްތަކާ ދުރުވާނެ އެވެ.
ދަތްއުނގުޅާ ބުރުހުން ތުންފަތް އުނގުޅާށޭ ބުންޏަސް އެއީ ދަތް އުނގުޅާހެން ކުރާ ކަމެއް ނޫނެވެ. ތުންފަތަކީ ވަރަށް ސެންސިޓިވް ތަނަކަށް ވާތީ ތުންފަތުގައި ބުރުސް ހާކަން ޖެހޭނީ ވަރަށް މަޑުމަޑުން ބަލައިގެންނެވެ. މާ ބާރަށް ހާކާލައިފިނަމަ ލޭ އައިސް ތުންފަތް ހަލާކުވާނެ އެވެ.
އިންސާނާގެ ހަށިގަނޑުގެ އެހެން ބައިތަކަކީ އަމިއްލައަށް ތެޔޮ އުފައްދާ ބައިތައް ކަމުން އެ ބައިތަކުގައި ތެތްކަން އަބަދުވެސް ކޮންމެވެސް ވަރަކަށް ހުރެ އެވެ. ނަމަވެސް ތުންފަތުން ތެޔޮ އުފައްދާ ނުދޭތީ ތުންފަތް ވަރަށް ފަސޭހައިން ހިކޭގޮތް ވާނެ އެވެ. އެހެންވެ ލިޕްސްޓިކް، ލިޕްބާމް ފަދަ އެއްޗެތި ނޫގުޅާ މީހުންނަށް ވަރަށް ގިނައިން އަމިއްލައަށް ތުންފަތުގައި ތޫ ހާކާ ތެތްކޮށްލެވެ އެވެ. ނަމަވެސް މި އާދަޔަކީ އިތުރަށް ތުންފަތް ޑްރައިވާނެ ސަބަބެކެވެ.
ތުންފަތުގައި ބުރުސް ހޭކުމަށް ވަރަށް މަޑު ނަރުތަކެއް ހުރި ބުރުހެއް ހޯދުން މުހިއްމެވެ. އެފަދަ ބުރުހަކުން މަޑުމަޑުން ހާކާލުމުން ހަންތައް ނެއްޓި ތުންފަތް ސާފުވާނެ އެވެ.
އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ހޫނުފެންފޮދަކުން ތުންފަތް ތެތްކޮށްލުމެވެ. ދެން އެކްސްފޯލިއަންޓްކޮޅެއް ހާކާފައި ބުރުހުން ވަރަށް މަޑުމަޑުން ހާކާލާނީ އެވެ. އޭގެ ފަހުން އަނެއްކާވެސް ހޫނު ފެންފޮދަކުން ދޮވެލުމުން ތުންފަތް ސާފުކޮށް ނިމުނީ އެވެ. އަދި ވަގުތުން ކާށިތެޔޮ ނުވަތަ ޒައިތޫނި ތެޔޮކޮޅެއް ތުންފަތުގައި ހާކާލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ