ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ އަމާޒަކަށް ވާނީ ވަކީލުން ކުރާ ކަންކަން ހުއްޓުވުން ނޫން ކަމަށާއި ވަކީލުންގެ މަސައްކަތްތަކަށް ފަހިވާ ގޮތަށް ކަންކަން ކުރުން ކަމަށް ބާ ކައުންސިލްގެ ރައީސް އަލްއުސްތާޒު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ވީޓީވީން ގެނެސްދޭ "ނަވާރަބައްތަރީސް" ޕްރޮގްރާމްގައި ބާ ކައުންސިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މައުމޫން ހަމީދު ވިދާޅުވީ މަސައްކަތް ކުރައްވާނީ ވަކީލުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް ކަމަށެވެ. ވަކީލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް މޮނީޓަރ ކުރުމުގައި ގެންގުޅުއްވާނެ ވިސްނުންފުޅާ ގުޅޭގޮތުން ވާހަކަދައްކަވަމުން މައުމޫން ހަމީދު ވިދާޅުވީ ވަކީލުން ދޭ ޚިދުމަތަކީ އިޚުލާސްތެރިކަމާއެކު ދޭ ރަނގަޅު ޚިދުމަތެއްނަމަ އެކަމަށް ހުރަހެއް އޮވެގެން ނުވާނެ ކަމަށާއި އަދި މުވައްކިލަށްވެސް އެމީހާއަށް އެލިބިދެނީ ރަނގަޅު ޚިދުމަތްކަން އެނގެންވާނެ ކަމަށެވެ. މައުމޫން ހަމީދު ވިދާޅުވީ ވަކީލުންގެ ލައިސަންސް އާކުރުންފަދަ ކަންކަމުން ހުރިހާ ވަކީލުންނަކީ އެންމެ ރަނގަޅަށް މަސައްކަތް ކުރާ ފަރާތްތައްކަން ކަށަވަރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައެވެ. އަދި ވަކީލުންނަށް ރަނގަޅު ތަޢުލީމްގެ ފުރުސަތު ފަހިކޮށްދޭން ބޭނުންފުޅުވާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
" އެބޭފުޅުންނަށް އިތުރަށް ތައުލީމް ހާސިލްކުުރުމަށް، މަސައްކަތުގެ ދާއިރާގައި އުޅުއްވަމުން އެބޭފުޅުން އިތުރަށް ހުނަރުތައް އިތުރުކުރައްވަމުން ގެންދިޔުމަށްވެސް އަޅުގަނޑުމެން ފަހިކޮށްދޭން ބޭނުންވޭ. އަޅުގަނޑުމެންގެ އަމާޒަކަށް ވާނީ އަބަދުވެސް ހުރިހާ ބޭފުޅުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުން. އެެއްވެސް ހާލަތެއްގައި ބާ ކައުންސިލްގެ އެކްސޯގެ އަމާޒަކަށް ނުވާނެ ކަންތައްތަކެއް ހުއްޓުމަށް ގެންނާކަށް. އެބޭފުޅުން ކުރައްވާ މަސައްކަތްތަކަށް ހުރަސްއަޅާކަށް ވިސްނުމެއް ނުހުންނާނެ." މައުމޫން ހަމީދު ވިދާޅުވިއެވެ.
މީގެ އިތުރުން މިދާއިރާގައި މަސައްކަތް ކުރާ އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށް މިދާއިރާއާއި ބެހޭ އިލްމީ ފޮތްތަކާއި ރިސަރޗް ވަސީލަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިސްކަންދެއްވާނެ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ. އެގޮތުން ލޯ ލައިބްރަރީއެއްގެ ޒަރީޢާއިން އެ މައުލޫމާތުތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަަމަށާއި އެގޮތަށް ކަންތައް ވުމުން ވަކީލުންގެ މަސައްކަތްތައް އަދި މިދާއިރާ ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
" އެހެން ޤައުމުތަކުގެ ޖަޖްމެންޓްތަކާއި މިހުރިހާ ކަންތައްތަކެއް ފަސޭހައިން އެކްސެސިބަލް ވީމާ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑު ތަން އިމްޕްރޫވް ވެގެންދާނެ. ޕްރެކްޓިސް އިމްޕްރޫވް ވެގެންދާނެ އެފަދަ ފުރުސަތުތަކެއް ލިބުނީމާ. އެހެންވީމާއި އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭނަން މިދެންނެވިހެން ލީގަލް މެޓީރިއަލްސް ރިސަރޗް މެޓީރިއަލްސް ރިސަރޗް ކުރެވޭނެ ގޮތް އަދި ފޮތްތަކާއި މިހުރިހާ އެއްޗެއް ހުރިހާ ވަކީލުންނަށްވެސް އަދި ޤާނޫނީ ދާއިރާގެ ތައުލީމު ހާސިލްކުރައްވާ ބޭފުޅުންނަށްވެސް އިތުރަށް ލިބިގެންދާނެ ކަހަލަ ގޮތަކަށް" މައުމޫން ހަމީދު ވިދާޅުވިއެވެ.
ބާ ކައުންސިލުން މިހާރުން މިހާރަށްވެސް ގާނޫނީ ވަކީލުންނަށް ދިމާވާ ދަތިތައް ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށާއި މިނިވަންކަން ދަމަހައްޓާ ރައްކާތެރިކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ. އެކަމަށްޓަކައި އެކްސްކޯ އިން ވަކީލުންނާއި މަޝްވަރާކޮށް އެކަންކަން ހޯދަމުންދާނެ ކަމަށާއި ބާ ކައުންސިލްގެ ގާނޫނުން ކުރުމަށް ލާޒިމްވާ ކަންތައްތަކެއް އެބަހުރި ކަމުގައިވެސް މައުމޫން ހަމީދު ވިދާޅުވިއެވެ. އެގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
ވަކީލުންގެ ފަރާތުން ޖޭއެސްސީއަށް ކަނޑައަޅާ ވަކީލު އިންތިޚާބުކުރުމުގެ ކަންކަން މިމަހުގެ 29 ގެ ކުރިން ނިންމަންޖެހޭ ކަމަށާއި އެހެންކަމުން އެކަން ކުރުމަށް އެކްސްކޯގެ ބައްދަލުވުމެއް ބާއްވައި ސަބް ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ. އަދި އެކޮމެޓީން އެެމަސައްކަތް އިލެކްޝަންސް ކޮމިޝަނާއި ގުޅިގެން ކުރައްވަމުން ގެންދަވާ ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.
އެކްސްކޯ އިންތިޚާބުވުމާއެކު ހަދަންޖެހޭ ގަވާއިދުތައް ހެދުމުގެ ކަންކަންވެސް މިހާރުން މިހާރަށް ފަށައިގެން ކުރިޔަށްދާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ. އަދި ބާ ކައުންސިލްގެ މަސައްކަތްތައް ކުރުމަށް ދައުލަތުގެ މުއައްސަސާތަކުގެ ފަރާތުން އެއްބާރުލުން ލިބެމުންދާ ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.
ބާ ކައުންސިލުން މަސައްކަތް ކުރާނީ ވަކީލުން ކުރިއެރުވުމަށް: މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ