މި ސަރުކާރުން ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާ އެފުށް މިފުށަށް ޖަހައި ޝަރުއީ ދާއިރާގެ ބާރުތައް ފޭރިގެންފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ބޭއްވި ފުރަތަމަ އެއްވުމުގައި ރޭ ކާނިވާ ސަރަހައްދުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފޭރުމާއި ދެކޮޅަށް މި ނަމުގައި ބެއްވި އެއްވުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެންމެ ކަންބޮޑުވެވަޑައިގަންނަވާ ކަމަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އެއްބާރު އަނެއް ބާރަށް ނުފޫޒު ފޯރުވާ ބާރުތައް ފޫއަޅުވާލާ މައްސަލަ ކަމަށެވެ.
ރައްޔިތުން މި ސަރުކާރު އިންތިހާބު ކުރީ ވަރަށް ބޮޑު އުންމީދެއްގައި ކަމަށާއި ރައްޔިތުން އުއްމީދު ކުރީ މިސަރުކާރުން ގިނަ ކަންތައްތަކެއް އިސްލާހުކުރުމަށް ކަަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއްވެސް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާ ރައްޔިތުން ހަވާލުކުރީވެސް އުއްމީދުތައް ހާސިލްކުރުމަށް ކަމަށެވެ.
އެހެންނަމަވެސް ފެންނަމުންދަނީ ތަފާތު މަންޒަރުތަކެއްކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ ކިތަންމެ ބޮޑު އަގުލަބިއްޔަތެއް ދިނަސް ރައްޔިތުންގެ ހައްގުތަކެއް ގެއްލޭ ގޮތަކަށް ގާނޫނުއަސާސީ ބަދަލު ކުރުމުގެ ބާރު ރައްޔިތުން ނުދޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީގައި ގައުމު ހިންގުމަކީ ބަރުލަމާނީ ނިޒާމަށް ހިންގުން ކަމަށާއި ދުނިޔޭގައި ބަރުލަމާނީ ނިޒާމަށް ހިންގާ އެންމެ ބޮޑެތި ގައުމުތަކުގައިވެސް ސުޕްރީމް ކޯޓުގެ ބާރު ހިނގާ ކަމަށެވެ. ގައުމުގައި ދިމާވާ ބޮޑެތި މައްސަލަތައް ބެލުމަށް ކޮމިޝަންތަކެއް އުފެއްދުމުގެ ބާރު ރައީސްއަށް ލިބިދީފައި އޮންނަ އިރު ގާނޫނު އަސާސީން ރައީސްއަށް ހުރިހާ ބާރުތަކެއް ލިބިދީފައި ނޯންނަކަން ފާހަގަކުރައްވައި ރައީސް ޔާމީން ވަނީ އެކަމުގެ ފަހަތުގައި ސަބަބުތަކެއް ވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ވިދާޅުވީ މައްސަލަތައް ބެލުމަށް ކޮމިޝަންތަކެއް އުފައްދައި ގާނޫނުއަސާސީން އެ ކޮމިޝަންތަކަށް ބޮޑެތި ބާރުތަކެއް ދިނުމަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި އެދާއިރާ ހަލާކުކުރުން ކަމަށާއި އެއީ ޝަރުއީ ދާއިރާގެ ބާރުތައް ފޭރުން ކަމަށެވެ. އަދި އެއީ މިނިވަން މުއްސަސާތަކެއް ކަމަށް ބުނި ކަމުގައިވިޔަސް އެކަން އެހެން ނުހިނގާނެ ކަމަަށާއި ޝަރުއީ ދާއިރާގެ ބާރަކީ ވަކިވެފައިވާ ވަކި ބާރެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި ޝަރުއީ ދާއިރާގެ ބާރުތައް އެހެން ބަޔަކަށް ދިނުމަކީ ގާނޫނުއަސާސީއަށް އިހުތިރާމެއް ނެތްކަން ހާމަވާ ކަމެއް ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
މި ސަރުކާރުން ވަނީ ޝަރުއީ ދާއިރާގެ ބާރުތައް ފޭރިގެންފައި: ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ