ޖުލައި 27ވަނަ ދުވަހު ހަވީރު ފައިމަގުގައި ހިނގާފައި އުޅޭގޮތަށް ހަމަޖައްސައިފި

ޖުލައި މަހުގެ 27ވަނަ ދުވަހު ހަވީރު ފައިމަގުގައި ހިނގާފައި އުޅޭގޮތަށް ހަމަޖައްސައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި ގައުމީ ކެންޑޭޓް ކޯގެ ފަރާތުން ބައިވެރިވާ 4 ބޭންޑާއެކު، ޕެރޭޑާއި ރޫޓްމާޗް 27 ޖުލައި 2019ވާ ހޮނިހިރު ދުވަހު މާލޭ ސިޓީގެ މަގުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
މިނިވަން ދުވަހުގެ އުފާފާޅުކުރުމަށް މާލޭގެ މަގުތަކުގައި ބާއްވާ ޕެރޭޑާއި ރޫޓްމާޗް ބެލުމަށްޓަކައި ދޮށީ އުމުރުގެ މީހުންނާއި، ކުޑަކުދިންނާއި، ޒުވާނުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މަގުމައްޗަށް ނުކުމެ އުޅޭ ވަގުތުގައި މީހަކަށް ގެއްލުމެއް ލިބިދާނެކަމަށްޓަކައި، އަދި ޕެރޭޑާއި ރޫޓްމާޗް ކުރިއަށްދާ ވަގުތު ޓްރެފިކަށް ދިމާވެދާނެ މައްސަލަތައް ހައްލުކުރުމަށް އެވަގުތުތަކުގައި ފައިމަގުގައި ހިފާ އުޅޭގޮތަށް ހަމަޖައްސާފައިވާކަމަށް ސިޓީ ކައުންސިލުން ފާސްކޮށްފައިވާ ގަރާރުގައި ވަނީ ބުނެފައެވެ.
އެގޮތުން ޖުލައިމަހުގެ 27ވަަނަ ދުވަހުގެ މެންދުރުފަހު 3:30 ފެށިގެން އެދުވަހުގެ ހަވީރު 6:30އަށް މާލޭ ސިޓީގެ މަގުތަކަކީ ދުއްވާ އެންމެހާ ވެހިކަލްތަކަށް ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ކަނޑައަޅާކަމަށާ ހަމަ އެވަގުތުތަކުގައި މާލޭ ސިޓީގެ މަގުތަކުގައި ފައިމަގުގައި ހިނގާފައި އުޅޭގޮތަށް ހަމަޖައްސާކަމަށް ސިޓީ ކައުންސިލުން ފާސްކޮށްފައިވާ ގަރާރުގައި ވަނީ ބުނެފައެވެ.
އެކި މުނާސަބަތުތަކާއި ގުޅިގެން މީގެ ކުރިންވެސް ފައިމަގުގައި އުޅޭ ވަގުތުތަކެއް ވަނީ ކަނޑައަޅާފައެވެ.
މާލޭގެ މަގުތަކުގައި ފައިމަގުގައި ހިނގާފައި އުޅޭ ވަގުތު އެންމެ ފުރަތަަމަ ފާހަގަކުރަން ފެށީ ރައީސް މައުމޫނުގެ ދައުރުގައި ތިމާވެށީގެ ދުވަހާއި ގުޅުވައިގެންނެވެ. މިގޮތުން އޭރު މުޅި ދުވަހު އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކުރި ނަމަވެސް މިހާރު ފައިމަގުގައި އުޅޭ ވަގުތުގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ ދެތިން ގަޑިއިރުގެ ވަގުތުކޮޅެވެ.
ފައިމަގުގައި ހިނގާފައި އުޅެން ހަމަޖައްސާ ވަގުތުތަކުގައި ގަވާއިދާ ޚިލާފަށް ވެހިކަލް ދުއްވާ ފަރާތްތައް ހިފަހައްޓާ ޖޫރިމަނާކުރެއެވެ.
ފައިމަގުގައި ހިނގާފައި އުޅެން ހަމަޖައްސާ ވަގުތުތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއިއެކު އެކި އުމުރުގެ މީހުން މަގުތަކަށް ނިކުމެ އުފާވެރިކަމާއެކު އެ ވަގުތުކޮޅުގެ ހިތްހަމަޖެހުން ލިބިގަނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ