އަބްދުﷲ ޝާހިދު ވަނީ މަޖިލީހުގައި އިތުރުފުޅު ހައްދަވާފައި: ސައީދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރެއްވުމުން ދެއްކެވި ވާހަކައިގަ ހަގީގަތާއި ހިލާފު ވާހަކަ ދައްކަވައި ދޮގު ހައްދަވާފައިވާ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ތުހުމަތު ކުރައްވައިފި އެވެ. މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ މަޖިލީހަށް ހާޒިރުކޮށްފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ސުވާލަކާއި ގުޅިގެންނެވެ. އަދި އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހަތަރު ގައުމަކަށް ދަތުރުކުރައްވައި، ތިން މަސް ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ހިލޭ އެހީ ހޯއްދަވައިފައިވާ ކަމަށެވެ. ޝާހިދު ވިދާޅުވީ މިއީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހިލޭ އެހީ އާ އެއްވަރު އަދަދެއް ކަމަށެވެ. އެވާހަކަތަކައް ރައްދު ދެއްވައި ރައީސް ޔާމީން ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު ކަން ވެސް ކުރެއްވި ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ހިލޭ އެހީ ނުހޯއްދެވުނު ވާހަކައާއި ހޯއްދެވުނު ފައިސާގެ އަދަދު މަދު ކަމަށް ދޭހަވާ މޭރުމުން މިނިސްޓަރު ޝާހިދު ދައްކަވާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. މިދިޔަ އަހަރު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މޭޖަރ އެކްޓިވް އެކްސްޓާނަލް ގްރޭންޓްގެ ގޮތުގައި 222 މިލިއަން އެމެރެކީ ޑޮލަރު ލިބިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ހަމައެކަނި ކުނި މެނޭޖް ކޮށް ތިމާވެއްޓާއި ގުޅުންހުރި މަޝްރޫއުތަކަށް ވެސް ރައީސް ޔާމީންގެ ސަރުކާރުން 146 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ހޯދިފައިވާ ކަން ސައީދު ފާހަގަކުރެއްވި އެވެ. "އެހެންވީމަ ފޮރިން މިނިސްޓަރު މިއަދު މަޖިލީހުގެ ތަޅުމުގައި އެ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު އެވަނީ އިތުރުފުޅު ހައްދަވާފައި. އެއީ ކޮއްގެން ވާނެ ކަމެއް ނޫން. އެއީ ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކެއް،" ސައީދު ވިދާޅުވި އެވެ. މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކުރެވޭ ދައުލަތުގެ ވުޒާރާތަކައި ބައެއް މުއައްސަސާތަކުގެ ބޭފުޅުން މައުލޫމާތު ދެއްވުމުގައި އިތުރުފުޅު ހައްދަވާ ނަމަ ދައުވާ ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. މަޖިލީހުގައި އިތުރުފުޅު ހެއްދެވުމަކީ ކުށެއް ކަން ހަނދާންކޮށްދެއްވަމުން ނަޝީދު ވިދާޅުވީ، ދން އެފަދަ އަމަލެއް ހިންގާ ކަމަށް ޝައްކު ކުރެވިއްޖެ ނަމަ ތަހުގީގުކޮށް، ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ނަޝީދު އެހެން ވިދާޅުވެފައިވަނީ، ބޭންކް އޮފް މޯލްޑިވަސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ސައްހަ ނޫން މައުލޫމާތު ދެއްވި ކަމަށްބުނެ އެ ކޮމެޓީގެ މުގައްރިރު ފޮނުއްވި ސިޓީއަކާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ