އަމުރުގައި ހިމެނޭ ގާނޫނީ ކަންކަން ސުޕްރީމް ކޯޓަށް ހުށަހަޅާނަން: އަނިލް
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ހިމެނޭ ގާނޫނީ ނުކުތާތަކާ އެކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ "ސުޕްރީމް ކޯޓުން ކުރި އަމުރެއް ކަމަށް ބެލެވޭ އަމުރެއް" މީޑިއާގެ ޒަރީއާއިން ލިބިފައިވާ ކަމަށެވެ. އަދި އެ އަމުރުގެ ސައްހަކަން ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އަނިލް ވިދާޅުވި އެވެ. "އެ އަމުރުގައި ހިމެނޭ ގިނަ ކަންތައްތަކަކީ ދައުލަތާ ގުޅުން ހުރި ކަންތައްތައް. ދައުލަތް ތަމްސީލު މިކުރަނީ ދައުލަތުގެ ބަންޑާރަ ނައިބު އޮފީހާއި ޕްރޮސެކިއުޓަރު ޖެނެރަލް. އެހެންނަމަވެސް އަޅުގަނޑުމެން ދެ މުއައްސަސާ ކުރެ އެއްވެސް މުއައްސަސާއަކަށް ރަސްމީ ސިފައެއްގައި އަދި ނުރައްމީ ސިފައެއްގައި ވެސް ލިބިފައި ނުވަތީ އަޅުގަނޑުމެން މި އަމުރުގެ ސައްހަކަމާ މެދު އާއި އަދި އަމުރުގައިވާ ކަންތައްތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓާ މަޝްވަރާކޮށް ތަފްސީލުތައް ހޯދުމުގެ މަސައްކަތް މިދަނީ ކުރިއަށް ގެންދަމުން،" އަނިލް ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ އަމުރާ ގުޅުން ހުރި މައުލޫމާތުތައް ހޯދުމުގައި އަދި ކާމިޔާބު ލިބިފައި ނުވާ ކަމަށް އަނިލް ވަނީ ވިދާޅުވެފަ އެވެ. އަދި އަމުރުގައި ހިމެނޭ ގާނޫނީ ނުކުތާތަކާ އެކީ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އަނިލް ވަނީ ވިދާޅުވެފަ އެވެ. "މި އަމުރު އަޅުގަނޑުމެން ތަންފީޒު ކުރުމަށް ޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމުގެ ކުރިން، ސުޕްރީމް ކޯޓާ އެކީ މަސައްކަތް ކުރެވޭތީ ނުވަތަ އެކަންކަން އެމީހުންގެ ކިބައިން ސާފު ކުރުމުގެ މަސައްކަތް [މި ކުރަނީ]." އަނިލް ވިދާޅުވި އެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަން ޖެހޭ ކަންކަން ފުލުހުންނާއި ސިފައިން ކުރިއަށް ގެންދާނެ ކަމަށް އަނިލް ވިދާޅުވި އެވެ. ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައި ހުރި ކަންކަން ތަންފީޒު ކުރުމުގެ ކަންކަން ރޭވުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. "އެހެން ނަމަވެސް އެނިގިވަޑައިގަންނަވާނެ ފަދައިން އެ ހުކުމުގައި ހުރި ގިނަ ކަންތައްތަކަކީ ދިވެހި ސަރުކާރުގެ ފަރާތުން އެކަންކަމާ ދޭތެރޭގައި އިތުރަށް ވިސްނާއި ފިކުރުކުރަން ޖެހޭ ކަންތަކެއް." އާދަމް ޝަރީފު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ