މޫސުން ގޯސްވެ ބައެއް ހިސާބު ތަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މިއަދުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ބައެއް ހިސާބުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުން ގޯސްވެ ކަނޑު ގަދަ ވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 1:30ގެ ނިޔަލަށެވެ. މި ހިސާބަށް ގަޑިއަކު 45 މޭލަށް ވައި ގަދަވެ ގުގުރާ ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި ހުރިހާ ހިސާބެއްވެސް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށެވެ. އެގޮތުން ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މެލާ 23 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާ 50 މޭލު ދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
ދިޔަވަރު ބޮޑު ގަޑި ތަކުގައި ބައެއް ރަށް ރަށަށް އުދަ އަރާނެ ކަމަށާއި ހާއްސަ ގޮތެއްގައި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މުސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކުރަމުން މި އަންނަ ވިއްސާރަ މި ހަފްްތާގެ ހޮނިހިރު ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ