މާފިލާފުށީގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ސަރުކާރަށް މިހާރު ވާނީ ހުށަހަޅާފައި: ސްޓޭޓް މިނިސްޓަރު

މިހާރު ފަޅު ރަށެއްގެ ގޮތުގައި ހަމަޖައްސާފައިވާ ޅ. މާފިލާފުށީގައި ދިރިއުޅެމުން އަންނަ މީހުން ބޭނުންވާ ކަންތައްތައް ބަލައި އެ ކަންތައްތައް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް މިނިސްޓަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.
ނިޔާޒް އިއްޔެ ވިދާޅުވީ މާފިލާފުށީގައި ދިރިއުޅޭ މީހުން ބޭނުންވާ ކަންތައްތައް ބެލުމަށް އެ ރަށުގެ ރައްޔިތުން ބަދަލުކޮށްފައިވާ ކަމަށާއި އެ ކަންތައްތައް ފާހަގަކޮށް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.
"އެކަންތައްތައް މީގެ 15 ވަރަކަށް ދުވަސްކުރިން ސަރުކާރަށް ވާނީ ހުށަހަޅާފައި. ވަރަށް ގިނަ ފަރާތްތަކުގެ މަޝްވަރާގެ މަތިން ނިންމަންޖެހޭ ކަންތައްތަކެއް ހުރުމުން މިހާރު ކުރިއަށް ދަނީ އެ މަޝްވަރާތައް،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގިނަ މީހުން ބޭނުން ވަނީ ހުޅުމާލެއިން ބިމެއް ކަމަށާއި އަދި މާފިލާފުށީގައި ހުރި އެ މީހުންގެ ގެދޮރާއި ތަކެތީގެ ބަދަލެއް ކަމަށެވެ.
"އެ މީހުންނާ މެދު އަމަލުކުރާނެ ގޮތެއް ސަރުކާރުން ނިންމާނެ،" އޭނާ ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރު ކުރިން ވިދާޅުވެފައި ވަނީ އެ ރަށުގައި ތިން ވައްތަރެއްގެ މީހުން ދިރިއުޅޭ ކަމަށެވެ.
"އެއް ބަޔަކީ މި ރަށް ނޫން އެހެން އެއްވެސް ތަނެއްގައި ގޯތި ނެތް މީހުން. އަނެއް ބަޔަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގޯތި ހުރެ ނަމަވެސް މި ރަށުގައި އުޅެން ބޭނުން ވެގެން އައިސް އުޅޭ މީހުން. އަނެއް ބަޔަކީ މާލޭގައި ގޯތި ހުރެ ސެކަންޑް ހޯމެއްގެ ގޮތުގައި މި ރަށުގައި ގެ އަޅައިގެން އުޅޭ މީހުން،" ނިޔާޒް ވިދާޅުވެފައި ވެއެވެ.
މާފިލާފުއްޓަކީ މިހާރު އެމްއެންޑީއެފްގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ރަށެކެވެ. މިދިޔަ މަހުގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދު އެ ރަށަށް ވަޑައިގަތުމުން އެ ރަށުގެ ބައެއް މީހުން ވަނީ އެ މީހުންގެ ޝުއޫރުތައް ފާޅުކޮށް މުޒާހަރާކޮށްފަ އެވެ.
ނިޔާ ވިދާޅުވީ މާފިލާފުށީގައި 38 ގެއެއްގައި މީހުން ދިރިއުޅޭ އިރު 17 ގެއެއް ފަޅަށް އެބަހުރި ކަމަށެވެ. އަދި އާބާދީގައި 277 މީހުން ރަޖިސްޓްރީކޮށްފައިވާ އިރު ރަށުގައި 140 މީހުން ދިރިއުޅޭ ކަމަށެވެ.
މާލޭގައި އޮތް ރަސްކަމާ ދެކޮޅަށް އެއް ދުވަސްވަރެއްގައި އާ ރަސްކަމެއް ވެސް ހިންގި އެ ރަށުގައި ދެ ވަނަ ފަހަރަށް މީހުން އާބާދުވީ މީގެ 20 އަހަރު ކުރިން އޭރުގެ ސަރުކާރުން އެއީ އަލަށް އާބާދުކުރާ ރަށެއްގެ ގޮތުގައި ހަމަޖެއްސުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ