އެއާޕޯޓު އެޅޭނެ ކަމުގެ ފޮނި އުންމީދުގައި ހޯރަފުށީ ރައްޔިތުން!

ހއ ހޯރަފުށީގައި އެޅުމަށް ހަމަޖެހިފައިވާ އެއާރޕޯޓުގެ މަސައްކަތް ސަރުކާރުގެ ބަޖެޓްގައި ހިމަނާފައި ނެތަސް މިއަހަރުގެ މެދުތެރޭގައި އެއާރޕޯޓުގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގެ އުންމީދު ވަރަށް ބޮޑަށް އެބައޮތް ކަމަށް ހޯރަފުށީ ކައުންސިލުން ބުނެފި އެވެ.
ހޯރަފުށީ ކައުންސިލްގެ ރައީސް އަލީ އާރިފް ވިދާޅުވީ ހޯރަފުށީ އެއާރޕޯޓުގެ މަޝްރޫއު ސަރުކާރުގެ ބަޖެޓްގައި ހިމަނާފައި ނެތަސް އެކަމާއި މެދު ކަންބޮޑު ނުވާ ކަމަށާއި، މީގެ ކުރިން ވެސް ބަޖެޓްގައި ހިމަނާފައިނުވާ އެތައް ކަމެއް ސަރުކާރުން ކޮށްފައި އެބައޮތް ކަމަށެވެ. އެހެން ކަމުން ހޯރަފުށީގެ އެއާރޕޯޓު އެޅޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އާރިފް ވިދާޅުވިއެވެ.
އެއާރޕޯޓު އެޅުމަށް ގިނަ މަޝްވަރާތަކެއް ސަރުކާރުގެ އިސްވެރިންނާއި އެކު ކުރާކަމަށާއި، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މިކަމަށް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ ހޯރަފުށީގެ އެއާރޕޯޓަކީ ހަމައެކަނި އެރަށުގެ އެއާރޕޯޓެއް ނޫން ކަމަށާއި، އެއީ އިހަވަންދިއްޕޮޅުގެ ހުރިހާ ރައްޔިތުންގެ އެއާރޕޯޓެއް ކަމަށެވެ.
އެއާރޕޯޓު އެޅުމަށް ހަމަޖެހިފައިވަނީ ހޯރަފުށީގެ ފަޅުތެރެ ހިއްކައި އެފަޅުތެރޭގައި އޮންނަ ފަޅުރަށެއް ކަމަށްވާ ހުވަހައްދޫ ހިމެނޭ ގޮތަށް ކަމަށް އާރިފް ވިދާޅުވިއެވެ.
ހޯރަފުށީގައި ސަރުކާރުން އެއަރޕޯޓެއް އަޅާނެކަން ފުރަތަމަ އިއުލާނު ކުރެއްވީ ރައީސްގެ ޔާމީންގެ ރިޔާސީ ދައުރު ދެބައިވުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ފަހި 913 ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެ ރަށުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތަކީ ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރަމުން އަންނަ ކަމެއްކަމަށެވެ.
އެހެންނަމަވެސް އެއަރޕޯޓު އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ތަފްސީލެއް އެރަސްމިއްޔާތުގައި ނުދެއްވާ.. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު ހޯރަފުށީގައި ނަރުދަމާގެ ޚިދުމަތް އިފްތިތާހް ކޮށްދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވީ، ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގެ ކުރިން ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގައި ޤާއިމްކުރާ އެއަރޕޯޓްތަކުގެ މަސައްކަތް ނިމި އެއަރޕޯޓުތަކަށް މަތިންދާބޯޓްތައް ޖައްސާނެކަމަށެވެ.
" އަޅުގަނޑުމެންގެ މަސައްކަތް މި ފަށަނީ ހޯރަފުއްޓާއެކީގައި ކުޅުދުއްފުށި އަދި ހަމައެހެންމެ ށ އަތޮޅު ފިނަދޫގައި އެއާރޕޯޓު އެޅުމުގެ މަސައްކަތް. މިއީ އުތުރަށް ޓޫރިޒަމްއާއެކީ ތަރައްގީ ގެންނަން ކުރާ މަސައްކަތް. އަޅުގަނޑުމެން އުންމީދު މިކުރަނީ ހަމަ އިރާދަކުރެއްވިއްޔާ 2018ގައި ވޯޓު ފޮށްޓާ ހަމައަށް ވަޑައިގަތުމުގެ ކުރިން މިތިން ރަށުގައި ވެސް އެއާޕޯޓު އަޅާ އަދި މިރަށްރަށަށް ބޯޓު ޖައްސާ ބޯޓު އުދުއްސާތަން އަޅުގަނޑުމެންނަށް ފެނިގެންދާނެ" ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވިނަމަވެސް މިއަހަރުގެ ބަޖެޓުގައި ހޯރަފުށީގެ އެއަރޕޯޓު ހިމަނާފައި ނުވާތީ ހޯރަފުށީގެ ގިނަ ރައްޔިތުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ރައްޔިތުން ބުނި ގޮތުގައި މިފަދަ އަޑުތަކަކީ ކޮންމެ ވޯޓަކާ ދިމާކޮށް އިވޭ އަޑުތަކެއްކަމަށެވެ.
ކުރިޔަށް އޮތީ ލޯކަލް ކައުންސިލް އިންތިހާބު ކަމުން މިފަދަ އަޑުތައް އިވޭލެއް އިތުރުވާނެ ކަމަށް އެމީހުން ބުނި.. ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު ވެސް ވިދާޅުވެފައި ވަނީ ހޯރަފުށީ ދާއިރާގައި ކުރިޔަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށެވެ. ނަމަވެސް ދާއިރާގެ މެންބަރާއި، ސަރުކާރުކާރުގެ އިސްބޭފުޅުން ފަހުން ވިދާޅުވަމުން ގެންދެވީ އައިހެވަން ޕްރޮޖެކްޓުގެ ތެރެއިން އެއަރޕޯޓުގެ މަސައްކަތް ވެސް ކުރިޔަށް ދާނެ ކަމަށެވެ.
ދެހާސް ސަތާރަވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ފަސް ރަށެއްގައި ސަރަހައްދީ ވައިގެ ބަނދަރު ގާއިމު ކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށެވެ.
" ރާއްޖޭގެ އެކި އަތޮޅުތަކުގައި ވައިގެ މަގުން ފަސޭހައިން ދަތުރުފަތުރު ކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަށްޓަކައި ސަރަހައްދީ ވައިގެ ބަނދަރުތައް ގާއިމްކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ މަސައްކަތުގެ ދަށުން ހދ ކުޅުދުއްފުށި، ށ ފުނަދޫ ، ފ ނިލަންދޫ ގދ މާވާރުލު އަދި ފަރަސްމާތޮނޑާގައި ސަރަހައްދީ ވައިގެ ބަނދަރު ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ" ރައީސް ޔާމިން ވިދާޅުވިއެވެ.
ހއ. އަތޮޅުގެ ރަށްތަކަށް މިހާރު މީހުން ދަތުރުކުރަނީ ހދ. ހަނިމާދޫ އެއާޕޯޓް މަގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ