އެސްޓީއޯގެ އެހީގެ ސަބަބުން ތައުލީމީ ދާއިރާ އަށް ހެޔޮ ފައިދާތަކެއް ކުރާނެ: އެޑިއުކޭޝަން މިނިސްޓްރީ

އެސްޓީއޯ އިން ކުރިއަށް އޮތް ފަސް އަހަރަށް "ޓޮޕް އެޗީވާސް އެވޯޑް" ރަސްމިއްޔާތު ސްޕޮންސާކޮށް ހުރިހާ ހަރަދެއް ކުރަން ނިންމުމާ ގުޅިގެން ތައުލީމީ ދާއިރާ ހެޔޮ ފައިދާތަކެއް ކުރާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިއަދު ބުނެފި އެވެ.
އެސްޓީއޯ އިން އިއްޔެ ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އޯލެވެލްގެ އެންމެ މަތީ ވަނަ ހޯދާ ދަރިވަރުންނަށް އެވޯޑް ދިނުމަށް ބާއްވާ "ޓޮޕް އެޗީވާސް އެވޯޑް" ރަސްމިއްޔާތު ސްޕޮންސާކޮށް، އޯލެވެލް ނިންމުމަށް ފަހު އޭލެވެލް ކިޔެވުމަށް ކުރިމަތިލާ އެންމެ ރަނގަޅު ފަސް ދަރިވަރަކަށް ފަސް ސްކޮލާޝިޕް ދިނުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީއާ އެކު ސޮއިކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ އެސްޓީއޯގެ އެހީގެ ސަބަބުން ތައުލީމީ ދާއިރާ އަށް ހެޔޮ ފައިދާތަކެއް ކުރާނެ ކަމަށެވެ.
"މިފަދަ އެހީތަކުގެ ސަބަބުން ސަރުކާރުން ތައުލީމަށް ދެއްވާފައިވާ ބަޖެޓުން ތައުލީމީ ދާއިރާގެ ފެންވަރު ރަނގަޅު ކުރުމަށް ހޭދަކުރަން ފުރުސަތު ލިބޭ،" ޑރ. ނަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން ވެސް އެހީވަމުން އަންނަ އެސްޓީއޯގެ މިފަހަރުގެ އެހީ ވެސް ވަރަށް މުހިންމު ކަމަށާއި ސަބަބަކީ އެ ރަސްމިއްޔާތަށް ބޮޑު ޚަރަދެއް ހިނގުމެވެ.
"މި އަހަރު އެކަނި ވެސް ގާތް ގަނޑަކަށް 350،000ރ. ވަރު ހަރަދުވާނެ. މިއީ އަދި މިއަހަރު އެކަނި ދާނެ ވަރު. ކުރިއަށް އޮތް އަހަރުތަކުގައި އެ އަދަދު އިތުރުވެގެން ދާނެ. އެއީ އަހަރުން އަހަރަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ކުދިންގެ އަދަދު ވެސް އިތުރުވަމުން އަންނާތީ. އަދި އޭލެވެލް އަށް ކިޔެވުމަށް ފަސް ކުއްޖަކަށް ދިން ފުރުސަތަކީ ވެސް ބޮޑު ހަރަދުތަކެއް ދާނެ ކަމެއް،" ޑރ. ނަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އަހަރުން އަހަރަށް ތައުލީމީ ދާއިރާ އަށް އަމިއްލަ ފަރާތްތަކުން ލިބޭ އެހީތައް އިތުރުވަމުން އަންނަ ކަމަށެވެ.
"މިހާރު އެކި ފަރާތްތަކުން ވަމުން ގެންދާ އެހީ އަންނަނީ އިތުރުވަމުން. މިހާރު ގިނަ ފަރާތްތަކަށް އެނގޭ ތައުލީމީ ދާއިރާ އަށް އެހީވުމުގެ ފައިދާ. އެކަމުގެ ސަބަބުން މުޅި ގައުމަށް ކުރިއެރުންތައް ލިބެމުން އާދޭ. އެހެންވެގެން މި ދާއިރާ އަށް ވާ އެހީތައް އިތުރުވަމުން އަންނަނީ،" ޑރ. ނަޒީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ