އެންމެ އިސްކަންދެނީ ބަލި މީހުންގެ އިތުބާރު ބޮޑުވާނެ ގޮތަކަށް ޚިދުމަތްތައް ބައްޓަންކުރަން: ޑރ. ސޯލިހް

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި (އައިޖީއެމްއެޗް) ރަނގަޅު ކުރައްވަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަން ގަބޫލުކުރައްވާ ކަމަށާއި އެގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ބަލި މީހުންގެ އިތުބާރު ބޮޑުވާނެ ގޮތަކަށް ހޮސްޕިޓަލުގެ ޚިދުމަތްތައް ބައްޓަން ކުރައްވަން ކަމުގައި އައިޖީއެމްއެޗުގެ އާ އެކްޓިން ޑިރެކްޓަ ޖެނެރަލް ޑރ. މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އަލަށް މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ހަވީރަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި ޑރ. ސޯލިހު މިއަދު ވިދާޅުވީ އާންމުނަށް ހޮސްޕިޓަލުން ޚިދުމަތް ހޯދުމުގައި އެންމެ ބޮޑަށް ދަތިވާ ކަންތައްތަކަށް އަވަސް ހައްލެއް ގެންނެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އެ ގޮތުން އިމަޖެންސީ ޚިދުމަތްތައް ހަރުދަނާކުރުމަކީ އެންމެ އިސްކަންދޭ އެއް ކަންތައް. ލުއި ގޮތަކަށް ޚިދުމަތް ލިބޭނެ ގޮތްތަކެއް ރާވަމުން މި ގެންދަނީ. އެ ގޮތުން އެފަދަ ހާލަތްތަކުގައި ފަސޭހައިން ބޭސް ލިބޭނެ ގޮތްތަކެއް ރޭވުމަށްޓަކައި އެސްޓީއޯއާ ވެސް މަޝްވަރާ އެބަކުރަން،" ޑރ. ސޯލިހު ވިދާޅުވި އެވެ.
ކެޝުއަލްޓީގެ ޚިދުމަތްތަކުގެ އިތުރުން އެޕޮއިންޓްމަންޓްގެ ނިޒާމު ވެސް އިތުރަށް ހަރުދަނާ ކުރައްވައި، ފަސޭހަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެބަހުރި މިހާރުން މިހާރަށް ބަދަލު ގެންނަން ޖެހޭ ކަންތައްތަކާއި ދުރު މުސްތަގުބަލުގައި ކާމިޔާބުކުރަން ޖެހޭނެ ކަންތައްތަކެއް ވެސް. އެ ހުރިހާ ކަންތައްތަކެއް ވެސް ރާވާނީ ބަލި މީހުންގެ އިތުބާރު ލިބޭނެ ގޮތަކަށް ޚިދުމަތްތައް ދިނުމަށް،" އޭނާ ތަފްސީލް ދެއްވި އެވެ.
ކަސްޓަމާ ރިލޭޝަންސްގެ ކަންތައްތައް ހަރުދަނާ ކުރެއްވުމާއި ޚިދުމަތްދެއްވާ ބޭފުޅުންގެ އިހުމާލުން ދިމާވާ ކަންތައްތައް ބަލައި ފިޔަވަޅު އެޅުމަކީ ވެސް ކުރަންޖެހޭ ކަމެއް ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހޮސްޕިޓަލެއްގެ މައިބަދަ އަކީ ކްލިނިކަލް ނޮލެޖް ހުރި، ކަމަށް ގާބިލް މެޑިކަލް އޮފިސަރުންތަކެއް ތިބުން. އެކަން ހާސިލް ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކަށް ވަރަށް ބޮޑު އިސްކަމެއް އަޅުގަނޑު ދޭނަން،" ޑރ. ސޯލިހު ވިދާޅުވި އެވެ. "މަޑުމަޑުން އެފަދަ ބަދަލުތައް އަންނަމުންދާނެ."
އަދި ބޭރުގެ އެހެން ހޮސްޕިޓަލުތަކާ ގުޅިގެން އައިޖީއެމްއެޗުގެ ފަރުވާގެ ހިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ފުޅާކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ