އެމެރިކާގެ ޖަލެއްގައި ހުރި މަޝްހޫރު ލޯފަން ޝައިޚް އުމަރު އަބްދުއް ރަހްމާން ނިޔާވެއްޖެ

އެމެރިކާގެ ޖަލެއްގައި އުމުރުދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މަޝްހޫރު ލޯފަން ދީނީ އިލްމުވެރިޔާ ޝައިޚް އުމަރު އަބްދުއް ރަހްމާން ނިޔާވެއްޖެއެވެ.
އޭނާ ނިޔާވީ، އުމުރުދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ، ނޯރތު ކެރޮލައިނާގެ ބަޓްނަރގެ ފެޑެރަލް މެޑިކަލް ސެންޓަރު ޖަލުގައި މިއަދު ކަމަށް އެމެރިކާގެ ޖަލުތަކާބެހޭ އޮފީހާއި ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައި ވެއެވެ.
މިސްރަށް އުފަން އުމުރުން 78 އަހަރުގެ ޝައިޚް އުމަރު އަބްދުއް ރަހްމާން ނިޔާވީ ގުދުރަތީ މަރަކުން ކަމަށްވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައި ވެއެވެ.
އޭނާ ނިޔާވިއިރު ހަކުރު ބައްޔަށާއި، ނާރުގެ ބައްޔަކަށް ފަރުވާ ހޯދަމުން ގެންދާތާ ގިނަ ދުވަ×ސްތަކެއް ވެއްޖެކަމަށް ޖަލުތަކާބެހޭ އޮފީހުން ބުނެފައި ވެއެވެ.
ޝައިޚް އުމަރު އަބްދުއް ރަހްމާންގެ މައްޗަށް ކުށްސާބިތުވެ 2007 ވަނަ އަހަރު އެމެރިކާއިން އޭނާ ޖަލަށް ލާފައިވަނީ 1993 ވަނަ އަހަރު ވޯރލްޑް ޓްރޭޑް ސެންޓަރުގައި ހިންގި ބޮންގޮއްވުންތަކާ ގުޅުންހުރި ކަމުގެ ކުށް ސާބިތުވެގެންނެވެ.
އޭނާގެ މައްޗަށް އިއްވި އުމުރަށް ޖަލަށް ލުމުގެ ހުކުމަކީ، ވޯރލްޑް ޓްރޭޑް ސެންޓަރުގައި ހިންގި ބޮންގޮއްވުންތަކާއި، އެނޫންވެސް ޓެރަރިޒަމާ ގުޅުންހުރި ވަރަށް ގިނަ މައްސަލަތަކުގެ ދައުވާ އުފުލި ކުށް ސާބިތުވެގެން ކޮށްފައިވާ ހުކުމެކެވެ. އޭގެ ތެރޭގައި، ނިއުޔޯކްގެ މުހިންމު ބިނާތަކާއި، އދގެ މައި މަރުކަޒުގައި ބޮން ގޮއްވުމަށް ރޭވިކަމުގެ ކުށްވެސް ހިމެނެއެވެ. އަދި މިސްރުގެ ކުރީގެ ރައީސް ހުސްވީ މުބާރަކް އަވަހާރަ ކޮށްލަން ރޭވުމުގެ ކުށްވެސް އޭނާގެ މައްޗަށް ސާބިތު ވެފައި ވެއެވެ.
އެމެރިކާގެ ޖަލެއްގައި އުމުރުދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ނަމަވެސް، ހަރުކަށި ހަނގުރާމަވެރިން ޝައިޚް އުމަރު އަބްދުއް ރަހްމާން ދެކެމުން އައީ އެމީހުންގެ ރޫހީ ލީޑަރުގެ ގޮތުގައި ކަމަށް ވެއެވެ.
އެމެރިކާއަށް ހިޖުރަ ކުރުމުގެ ކުރިން ޝައިޚް އުމަރު އަބްދުއް ރަހްމާން މިސްރުގައި އުޅުނީ، މިސްރުގައި ހަރަކާތްތެރިވަމުންދިޔަ އަލްޖަމާ އަލް އިސްލާމިއްޔާ ނަމަކަށްކިޔާ ހަނގުރާމަވެރި ޖަމާއަތެއްގެ ލީޑަރަކަށް ކަމަށް ވެއެވެ.
ޝައިޚް އުމަރު އަބްދުއް ރަހްމާންގެ ބަލިހާލަތު ހުރިގޮތުން ކުށްވެރިން ބަދަލުވުމުގެ ސިޔާސަތުގެ ދަށުން އޭނާ މިސްރަށް ފޮނުވައި ދިނުމަށް އޭރު ވެރިކަމުގައި ހުންނެވި މުހަންމަދު މުރްސީ 2012 ވަނަ އަހަރު އެމެރިކާއަށް ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ