ދިވެހި ރައްޔިތުން ދެމުންގެންދާ މަތިވެރި ތާއިދުގެ ސަބަބުން، ޕީޕީއެމްއަށް ލިބެމުންއަންނަ ކުރިއެރުންތަކާއި ކާމިޔާބީތަކާއި މެދު ހިތްހަމަ ނުޖެހޭ ވާދަވެރި ސިޔާސީ ފަރާތްތަކުން ޕީޕީއެމްއާއި މެދު ތަފާތު ތުހުމަތު ތަކެއް ކުރަމުންދާ ކަމަށް ކުރީގެ ރައީސް އަދި އެޕާޓީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރަސްމީ ލެޓާ ހެޑްގައި މިއަދު ރައީސް މައުމޫން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ ސިޔާސީ ފަރާތްތަކުން ތަފާތު ތުހުމަތުތައްކޮށް ތަފާތު ވާހަކަތައް ދައްކަނީ ރިޔާސީ އިންތިހާބާއި ގުޅުވައިގެން ޕާޓީ ބަލިކަށިކޮށް ޕާޓީގެ ރިޔާސީ ޓިކެޓަށް ރައްޔިތުން ކުރަމުންގެންދާ ތާއީދު ކުޑަ ކުރެވޭތޯ ކަމަށާއި އެ ވާހަކަތަކަކީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށެވެ.
ޕީޕީއެމްގެ މައިގަނޑު މަގްސަދުތަކާއި އަސާސްތަކާއި އުސޫލުތައް ހާމަކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ މައިގަނޑު މަގްސަދުތަކާއި އަސާސްތަކާއި އުސޫލުތަކުގެ ތެރޭގައި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދެމެހެއްޓުމާއި ބައިނަލް އަގުވާމީ އަދި އިސްލާމީ މުޖުތަމައުގައި ދިވެހިންނަށް ހައްގު ގަދަރާއި މަގުބޫލުކަން ހޯދާދިނުމާއި ދިވެހިންނާއި އަންނަނިވި ޖީލުތަކުގެ ދިވެހިންނަށްޓަކައި އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާސަދަތު ވަރުގަދަކުރުމާއި މިއިން ކަމަކަށް އުނިކަމެއް އަތުވެދާފަދަ އެންމެހާ ކަންކަމުން ރާއްޖެ ސަލާމަތްކުރުން ހިމެނޭ ކަމަށެވެ.
މީގެއިތުރުން ރާއްޖެއަށް ބޭނުންވާ ކުރިއަރުވަނިވި އިސްލާހުތައް ރައްޔިތުންގެ ބައިވެރިވުމާއެކު ވެރިކަމުގެ ތެރެއިން ހޯދައިދިނުމާއި، ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތަކާއި ހަމަތައް ގައުމުގައި އަށަގެންނެވުމާއި ރާއްޖޭގެ މުއްސަނދިކަމުގެ ވަސީލަތްތައް ދިވެހިންގެ އަތްމަތީގައި ދަމަހައްޓައި، އިގްތިސޯދީ ގޮތުން ގޮތުން ދިވެހި ރައްޔިތުން އިތުރަށް ފުދުންތެރި ކުރުވައި، ރާއްޖޭގެ ތަޢްލީމާއި ސިއްހަތާއި އެހެނިހެން އިޖްތިމާއީ ހިދުމަތްތައް ޒަމާނީކޮށް ފުޅާކޮށް އަދި އާ ހިދުމަތްތައް ތައާރަފްކުރުން ހިމެނޭ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
އަދި ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަކޮށް، ރާއްޖޭގެ ކަންކޮޅުތަކުގައި ޞުލްޙަވެރި އަމާން ވެށްޓެއް ޤާއިމް ކުރުމެވެ. ހުރިހާ ރޮނގަކުންވެސް ލޮބުވެތި ދިވެހި ރައްޔިތުންނަށް ފުދުންތެރި އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދައިދެވޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަކީ ޕީޕީއެމްގެ މަގްސަދުތަކާއި އަސާސްތަކާއި އުސޫލުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް މައުމޫން ވިދާޅުވި އެވެ.
"ޕީޕީއެމް އުފެދުނީވެސް އަދި ދެމިއޮންނާނީވެސް އިސްވެ ދެންނެވުނު މަތިވެރި މަގްސަދުތައް ހާސިލުކުރުމަށްޓަކައިކަން ޕީޕީއެމްގެ އެންމެހާ ލޮބުވަތި މެންބަރުންނަށާއި މިޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުންނަށާއި އަދި ގައުމީ ޝަޚްސިއްޔަތު، ގައުމީ މަސްލަހަތު އަދި ގައުމުގެ ތަރައްގީ އިސްކުރައްވާ އެންމެހާ ފަރާތްތަކަށް އަޅުގަނޑު ޔަޤީންކޮށް އަރުވަމެވެ." ރައީސް މައުމޫން ވިދާޅުވި އެވެ.
މި މަގްސަދުތަކާއި އަސާސްތަކާއި އުސޫލުތަކަކީ ދިވެހި ރައްޔިތުން ގަބޫލުކުރާ ކަންކަމަށްވާތީ، މިއަސާސްތަކާއި އުސޫލުތައް ރާއްޖޭގައި ނަގަހައްޓައި ވަރުގަދަކޮށް ދެމެހެއްޓުމުގެ މާތް މަގްސަދުގައި ޕީޕީއެމްގެ ފަރާތުން އިންތިހާބަށް ކުރިމަތި ލައްވާ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމަށާއި އެމަނިކުފާނުގެ ރަނިންގމޭޓް ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދަށް ވޯޓު ދެއްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ރައީސް މައުމޫންގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވި އެވެ.
ޕީޕީއެމްއާ މެދު ވާދަވެރިން އަންނަނީ ތަފާތު ތުހުމަތުތަކެއް ކުރަމުން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ