ބަސް ދަތުރު ޙިދުމަތުގެ އަގު ބޮޑު ކުރި މައްސަލައިގައި ހިތްހަމަނުޖެހި އެކަމާ ދެކޮޅަށް ހުޅުމާލޭގައި ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމްޓީސީސީން ހުޅުމާލޭގައި ހިދުމަތް ދިނުމަށް ދޭން ގެނައި “ވޮލްވޯ” ބްރޭންޑުގެ ބޮޑެތި ބަސްތައް ތައާރަފްކުރުމަށް ރައީސް މުހައްމަދު ވަހީދު ވަޑައިގަތުމާ ދިމާކޮށް ހުޅުމާލޭގައި ކުރި މުޒާހަރާ އާއި ގުޅިގެން ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ބަންދުގެ މުއްދަތު ޖެހި މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަ ކުއްޖާ ވެސް ހިމެނޭ ކަމަށާއި އެކުއްޖާގެ ބަންދުގެ މުއްދަތަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ. އަނެއް ތިން މީހުންގެ ބަންދަށް އިތުރުކޮށްފައިވަނީ ފަސް ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ.
ބަންދުގެ މުއްދަތު އިތުރު ކުރި ހަތަރު މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ ފުލުހުންގެ މަރުގެ އިންޒާރު ދިން މީހުންނާއި ފުލުހުން ދަމާފައިވާ ކޯޑަން ފަޅާލާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ހައްޔަރުކުރި މީހުންނެވެ.
ހުޅުމާލޭގައި މުޒާހަރާކުރި މީހުން ގޮވާލާފައި ވަނީ އޭސީ ބަހަށް ވުރެ ހުޅުމާލޭގައި އެމްޓީސީސީން ދެމުންގެންދާ ފެރީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން މުހިންމު ކަމަށެވެ. އަދި މި މުޒާހަރާގައި ރައީސް ވަހީދާއި ދެކޮޅަށް ވެސް އެކި އެކި ޝުއޫރު ފާޅުކޮށް މުޒާހަރާކޮށްފައިވެ އެވެ.
އެމްޓީސީސީން ބުނީ މާލެ އާއި ހުޅުމާލެއާ ދެމެދު 10 ވަރަކަށް މިނިޓް ހޭދަވާ ފެރީތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމްޓީސީސީގެ އަމާޒަކީ މާލެ އިން ހުޅުމާލެއަށް ކުރާ ފެރީ ދަތުރުތަކުގައި ހޭދަވާ ނިސްބަތް 50 ޕަސެންޓަށް ކުޑަ ކުރުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
މީގެއިތުރުން އެމްޓީސީސީން ދަނީ އިލެކްޓޯނިކް ޓިކެޓިން ގެ ހިދުމަތް ވެސް ތައާރަފުކުރަން މަސައްކަތް ކުރަމުންނެވެ.
ވޮލްވޯ” ބްރޭންޑުގެ ބޮޑެތި ބަސްތައް ތައާރަފްކޮށް ހިދުމަތުގެ އަގު ވަނީ ތިން ރުފިޔާ އަށް ބޮޑުކޮށްފަ އެވެ.
މުޒާހަރާއާ ގުޅިގެން ހަތަރު މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ