ހާމިދު ހަމަސް ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ކުޑަކަމުދާތަކެތި ނުދިން މައްސަލައިގަ ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތށް ހާޟިރު ނުވުމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ހަ މަހަށް ޖަލަށްލުމަށް އޭނާގެ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިއަދު މެންދުރުފަހު ބޭއްވި ޝަރީއަތުގައި އެ މައްސަލަ ބައްލަވާ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުމުން ޗިޓާ ހަވާލުވެ ހާމިދު ހާޒިރުވެފައިނުވާ ކަމަށެވެ. އަދި އޭނާ ބަންދުކޮށްގެން ކޯޓަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަމުރު ކުރުމުން ވެސް އޭނާ ހާޒިރުކުރެވިފައިނުވާ ކަމަށް ވިދާޅުވި އެވެ.
ހާމިދު ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ދެފަހަރެއްގެ މަތިން ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކުރިއެވެ. ނަމަވެސް އޭނާ މަޖިލީހަށް ވަދެވަޑައިގެން ފިއްލަވާފައިވާތީ ފުލުހުންނަށް ވަނީ ހާމިދު ހައްޔަރުކުރެވޭގޮތްނުވެފައެވެ.
ހާމިދުގެ މައްޗަށް ހުކުމްކުރީ ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދާ ހަވާލާދީ އަމުރަށް ނުކިޔަމަންތެރިވުމުގެ އަދަބެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުންނެވެ.
ކްރިމިނަލް ކޯޓުން މީގެ ދެދުވަހެއް ވަރު ކުރިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހާމިދު އަބްދުލް ޣަފޫރަކީ ދައުލަތުން ދައުވާކުރާ ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރުކުރަން ބެލިއިރު ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު ކޯޓަށް ހާޒިރުކުރެވިފައި ނުވާ މީހެއް ކަމަށެވެ.
އަދި މިއަދުގެ 13:00 ޖަހާއިރަށް ޝަރީއަތުގެ އަޑުއެހުމަށް ހާމިދު ކޯޓަށް ހާޒިރުނުވެއްޖެނަމަ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާ ގޮތުގެ ގަވައިދުގެ 30 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރުގެ ދަށުން ހާމިދުގެ ޣައިރު ހާޒިރުގައި މައްސަލަ ހިންގާ ނިންމާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ހާމިދު މަޖިލިސް އިދާރާ ތެރޭގައި ދިރިއުޅުއްވަމުން ގެންދަވާތާ 10 ވަރަކަށް ދުވަސްވެފައިވާއިރު ފުލުހުން ބުނީ ހާމިދު މަޖިލީސް ކުރާ ގޭގައި ހުންނަވަނިކޮށް އޭނާ ހައްޔަރުކުރުމަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މެންބަރުންގެ އިމްތިޔާޒް ތަކާއި ބެހޭ ގާނޫނުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އޭނާ ކޯޓަށް ގެންދިއުމަށް އެހީތެރިވެދިނުމަށް މަޖިލީހުގެ ރައީސްއަށް ދަންނަވާފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ