ބަލިމަޑުކަން ފެތުރުނަ ނުދިނުމަށް އެންގުންތަކަށް ބޯލަނބަންޖެހޭ: މައުމޫން

ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކާ ސަރުކާރުގެ އެންގުންތަކަށް ރައްޔިތުން ބޯލަނބަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިއިފިއެވެ.
މައުމޫން ވިދާޅުވީ ކިތަށްމެ ނޭދުނަސް ކޮވިޑް-19 ރާއްޖެ އައިސްފައިވާ ކަމަށާއި މިބިރުވެރި ބަލި ރާއްޖޭގައި ފެތުރުނަ ނުދިނުމައްޓަކައި އެއްވެސް އިސްތިސްނާއެއްނެތި ސަރުކާރުގެ އެންގެވުންތަކަށް އެންމެންވެސް ބޯ ލަނބަން ޖެހޭކަމަށެވެ.
އެންމެންގެ އެއްބާރުލުން ސަރުކާރަށްދީ، ސަރުކާރުން ކުރަމުން އެ ގެންދާ ކަންތަށްތަކުގެ ސަބަބުން މާތްﷲ ގެ ވާގިފުޅާއެކު މިބަލިން ސަލާމަތްވެވިދާނެކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
މިބަލި ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖެ އަށް ފަތުރުވެރިން އައުންވަނީ މަނާކޮށްފައެވެ. އަދި ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިން ގެންދަނީ ކަރަންޓީން ކުރަމުންނެވެ. މީގެއިތުރުން ކަރަންޓީނުގައި ތިބޭ އެންމެން ވެސް ދޫކޮށްލުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރާނެކަން ވެސް ސަރުކާރުން ދާދިފަހުން ވަނީ އިއުލާންކޮށްފައެވެ. އަދި މާދަމާއިން ފެށިގެން މާލޭގައި ތިން ގަޑިއިރަށް ކާފީ ވަނީ އިއުލާން ކުރަން ނިންމާފައެވެ.
ކޮވިޑް-19ގެ ރާއްޖޭގެ ހަލަތަށް ބަލާއިރު، މިހާރަނަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދިވެއްސަކާއި، 15 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 13 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅު ވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ކަރަންޓީނު ކުރުމަށް ފަހު އަނބުރާ ގައުމަށް ދިއުމަށް ހުއްދަ ދިން 2 މީހަކު، އިޓަލީއަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވް ވެފައި ވާކަން ވަނީ އެނގިފައެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ބިދޭސީންނަކީ، ކުރެއްދޫ އައިލެންޑް ރިސޯޓުން 4 ފަތުރުވެރިންނާއި 1 ސްޓާފެއް އަދި އަނަންތަރާ އައިލެންޑް ރިސޯޓުން 2 ފަތުރުވެރިން، ކުރަމަތި އައިލެންޑް ރިސޯޓުގެ 2 ފަތުރުވެރިން، ސޭންޑީސް ބަތަލާ ރިސޯޓުން 2 ފަތުރުވެރިން އަދި އައިލެންޑް ސަފާރީން 4 ފަތުރުވެރިންނެވެ. އަދި މި ބައްޔަށް ޕޮޒިތިވްވި ދިވެހިންނަކީ އިނގިރޭސި ވިލާތުން އައި ހަތަރު ދިވެހިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ