އޭދަފުށީ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑި، ގިނަ އިރުތަކެއް ވެއްޖެ

ބ.އަތޮޅު އޭދަފުށީގެ ހުޅަނގު ސަރަހައްދުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައި އޮންނަތާ ގިނަ އިރުތަކެއް ވެއްޖެއެވެ.
އެރަށުގެ އޮންލައިން ނޫހެއް ކަމަށްވާ "އޭދަފުށީ ޓައިމްސް" ގައި ބުނެފައި ވަނީ ރަށުން ކަރަންޓް ކެނޑުނީ އެސަރަހައްދުގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މައި ކޭބަލަކަށް މައްސަލައެއް ދިމާވެގެންނެވެ.
އެސަރަހައްދުން ކަރަންޓް ކެނޑުނުތާ މިހާރު ފަސް ވަރަކަށް ގަޑިއިރު ވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަންގެ އޭދަފުށީ ބްރާންޗްގެ އޮފިޝަލަކު ވިދާޅުވީ މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ކަރަންޓް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިރޭ 12 ގެ ކުރިން ރަށަށް ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އޭދަފުށީ ޓައިމްސް" ގައި ބުނެފައި ވަނީ އޭދަފުށީގައި ބޭނުންކުރާ ކަރަންޓް، އިންތިހާއަށް މަތިވުމުގެ ސަބަބު ޖަނަރޭޓަރުތަކަށް ބާރުބޮޑުވެ، ކޭބަލު ބަޑިޖަހައިގެން ކަރަންޓް ކެނޑުމުގެ މައްސަލަ މީގެ ކުރިން ވެސް ދިމާވާ ކަމަށެވެ. ޚާއްސަކޮށް މިއަދު މިމައްސަލަ ދިމާވި ސަރަހައްދަކީ މީގެ ހަތަރުވަރަކަށް އަހަރު ކުރިން މި މައްސަލަ ދިމާވަމުން އަންނަ ސަރަހައްދެއް ކަމަށާއި ނަމަވެސް މިކަމަށް މިހާތަނަށް އެކަށީގެންވާ ހައްލެއް ހޯދައިދެވިފައި ނުވާކަމަށް އެނޫހުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ