ގާނޫނާ ހިލާފަށް އެއްވުން ބާއްވާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

ގާނޫނާ ހިލާފަށް އެއްވެ އުޅުމުގެ ފުރުސަތެއް ނުދޭނެ ކަމަށާއި ގާނޫނާ ހިލާފަށް އެއްވާނަމަ އެ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި މިފަހަކަށް އައިސް "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ" ހިލާފަށް ބައެއް ފަރާތްތަކުން އެއްވުން އިންތިޒާމްކޮށް ކުރިއަށް ގެންދިއުމާ އެފަދަ ބައެއް އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލުތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނު" އަށް ނެގެސްފައިވާ އިސްލާހުތަކުގެ ދަށުން އެއްވެ އުޅުމާ، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ އިމުން ބޭރުން، އެއްވުން މަނާ ސަރަހައްދުތަކަށް އެއްވުމާ، ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމާއި އުޅަނދުފަހަރުގައި އަޑުގަދަކުރާ ބޭނުން ކޮށްގެން ހިނގާލުމަކީ ގާނޫނުން މަނާ ކަންކަން ކަމަށެވެ.
ބަޔާނުގައި އެއްވެ އުޅުމުގެ ގާގޫނާ ހިލާފަށް ބައެއް ފަރާތްތަކުން ގާނޫނުގައި ބުނާފަދަ ކުއްލި އެއްވުމެއް ކަމަށް ނުބެލޭނެ އެއްވުންތައް ވެސް ރާވާއި، ގާނޫނުގައިވާ ފަދައިން ނޯޓިސް ނުދީ އެއްވުން ބޭއްވުމަށް މަސައްކަތް ކުރާކަން ފާހަގަކޮށް ބުނެފައިވަނީ، އެއްވުން މަނާ ސަރަހައްދުތަކަށް އެއްވުމާއި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުގެ އިތުރުން އުޅަނދުފަހަރުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ހިނގާލުންތަކާއި އުޅަނދުބުރު އިންތިޒާމްކޮށް ކުރިއަށް ގެންދިއުމަކީ މަނާ ކަންކަން ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، ގާނޫނީ އިމުގެ ތެރެއިން ސުލްހަވެރި އެއްވުން ކުރިއަށް ގެންދާނަމަ އެފަދަ އެއްވުން ތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ގާނޫނީ ހަމަތަކުގެ މަތިން ބާއްވާ އެއްވުންތައް އޮންނަ ސަރަހައްދުގެ މަގުތަކާއި އެނޫން ތަންތަނުގެ ސަލާމަތީ އިންތިޒާމު ހަމަޖެއްސުމަކީ ފުލުހުން އެކަމަކަށް އިސްކަން ދީގެން ކުރަމުން އަންނަ ކަމެއް ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން، ނޫނީ އިމުގެ ތެރެއިން ނޫނީ އެއްވެސް ފަރާތަކުން އެއްވުމެއް ކުރިއަށް ނުގެންދަން އިލްތިމާސްކޮށް، ގާނޫނާ ހިލާފު އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ބަޔާނުގައިވެއެވެ. އަދި އެ އަމަލުތައްކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުވެސް އަޅާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެ، އިންޒާރު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ