މިހާރު ހިނގަމުންދަނީ އަސްލު ރިޔާސީ ނިޒާމެއް ނޫން: ރައީސް މައުމޫން

ރާއްޖޭގައި މިހާރު ހިނގަމުންދަނީ އަސްލު ރިޔާސީ ނިޒާމެއް ނޫން ކަމަށާއި ބަރުލަމާނީ ސިފަތައް ގިނަ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީއިން މިއަދު ގެނެސްދިން "ފަށާއިރު" ޕްރޮގްރާމްގައި މައުމޫން ވިދާޅުވީ ރާއްޖޭގައި މިހާރު ރިޔާސީ ނިޒާމެއް އޮތް ނަމަވެސް ބަރުލަމާނީ ސިފަތައް ރިޔާސީ ނިޒާމްގެ ތެރެއިން ފެންނަމުންދާ ކަމަށެވެ. "ބަރުލަމާނީ ނިޒާމަކާ މިހާރު ވައްތަރުވަނީ ބައެއް ކަހަލަ ކަންތައްތައް ހިނގަމުންދާ ގޮތުން. އެހެން ނަމަވެސް އެއީކީ ނިޒާމްގައި ވާކަމެއް ނޫން. މިސާލަކަށް ސަރުކާރުން ކުރާ ކޮންމެ ކަމެއް އެ ދުވަހުން އެ ދުވަހަކަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ވޯޓަށް ނަގާ މީހުން ގެނެސް ސުވާލުކޮށް އެކަން ކުރެވޭގޮތަށް ނޫން އޮންނަނީކީ. މިހާރު އަޅުގަނޑަށް ފެންނަނީ މުޅިން އެހެން މަންޒަރެއް،" މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ރިޔާސީ ނިޒާމްގައި އޮންނަން ޖެހޭނީ ތިން ބާރު ވަކިވެ އެއްބާރު އަނެއްބާރަށް ފާރަވެރިވާގޮތަށް ކަމަށެވެ. "ހުދޫދުތަކެއް ކަނޑައެޅިފައި އެއީ އެންމެ ރަނގަޅުގޮތަކީ އެހެންނޫނީ ވާގޮތަކީ ހިސާބަކަށް މަސްހުނިވެގެން މިދަނީ،" މައުމޫން ވިދާޅުވިއެވެ. މައުމޫން އިތުރަށް ވިދާޅުވީ ރާއްޖެއަށް އެންމެ އެކަށީގެންވަނީ ރިޔާސީ ނިޒާމެއް ކަމަށެވެ. އަދި ބަރުލަމަނީ ނިޒާމެއް ރާއްޖެއަށް އެކަށީގެންނުވާ ކަމަށާއި އޭރުން ވަރަށް އަވަސް އަވަހަށް ސަރުކާރު ބަދަލުވުމުގެ ފުރުސަތު އޮންނަކަމަށް މައުމޫން ވިދާޅުވި އެވެ. އެގޮތުން ބޮޑުވަޒީރަކު ލާތާ ދެމަސް ދުވަހެއް ފަހުން ވެރިކަން ބަދަލުވެ ހަަމަނުުޖެހުންތަކުގެ ތެރޭގައި އުޅެން ޖެހޭކަން މައުމޫން ވަނީ ފާހަގަކުރައްވައިފަ އެވެ. އޭގެ ސަބަބުން ރައްޔިތުންގެ ފައިދާއަށް އެއްވެސް ސަރުކާރަކަށް މަސައްކަތްކުރުމުގެ ފުރުސަތު ނޯންނާނެކަމަށް ވިދާޅުވި އެވެ. މައުމޫން އިތުރަށް ވިދާޅުވީ ބަރުލަމާނީ ނިޒާމަކުން ހޮވޭ ބޮޑުވަޒީރަކީ ހުރިހާ ރައްޔިތުންގެ ވޯޓަކުން ހޮވޭ ބޭފުޅެއްވެސް ނޫން ކަމަށާއި އެހެން ނަމަވެސް ރިޔާސީ ނިޒާމްގައި ރައީސްއަކީ ސީދާ ހުރިހާ ރައްޔިތުންގެ ވޯޓުން ހޮވޭ ބޭފުޅެއްކަމަށެވެ. އެ އިންޓަވިއުގައި މައުމޫން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އޮންނަނީ ވަރަށް ގާތްގުޅުމެއް ކަމަށާއި އެމަނިކުފާނަށް ރައީސް ވަރަށް ބޮޑަށް އިހުތިރާމް ކުރައްވާ ކަމަށެވެ. އަދި މިހާރު ވެރިކަން ކުރާ ކޯލިޝަންގައި އެމަނިކުފާނުގެ މިހާރުގެ ޕާޓީ އެމްއާރުއެމް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. "ކުރިއަށް އޮތް ދައުރުގައިވެސް އެމްއާރުއެމް ހަމަ މި ސަރުކާރާ އެކު އޮންނާނެ،" މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނުގެ ދިގު 30 އަހަރުގެ ވެރިކަމަށް އަލިއަޅުއްވާލައްވަމުން މައުމޫން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު ރާއްޖޭގެ އިގްތިސާދާއި ތައުލީމުގެ ކަންކަން އަދި ލަފާފުރުމުގެ އޮތީ ވަރަށް ދަށުގައި ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގެ ރަށެއްގައި ހުންނަ ހަމައެކަނި ސަރުކާރު ސުކޫލަކީ ބ އަތޮޅު ތައުލީމީ މަރުކަޒު ކަމަށެވެ. އެހެން ކަމުން، އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތް ކުރެއްވީ އެ ކަންކަން ރަނގަޅު ކުރުމަށް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ