ތިން މަސް ކުރިން ހެނބަދޫ ގެއްލުނު ޒުވާނަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

މީގެ ތިން މަސް ކުރިން ނ ހެނބަދޫން ވީނުވިއެއް ނޭނގި ގެއްލުނު ޒުވާނަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
އެރަށު އެންދެރިމާގެ އުމުރުން 25 އަހަރުގެ މުޙައްމަދު އަޒުމީރު ގެއްލިގެން ހޯދުމަށް ފުލުހުން މިއަދުވަނީ އިއުލާނުކޮށްފައެވެ. މިިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އަޒުމީރު ހޯދުމުގެ މަސައްކަތް ހިނގާފައިވާގޮތް ވަނީ ސަފުވާގޮތްނުވެފައެވެ.
ހެނބަދޫ ކައުންސިލްގެ ރައީސް އާދަމް ސަމީރު ސީއެންއެމަށް ވިދާޅުވީ އަޒުމީރު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ރަސްމީކޮށް ކައުންސިލަށް ހުށަހަޅާފައިނުވާކަމަށެވެ. ނަމަވެސް މީގެ ތިން މަސް ކުރިން އޭނާ ގެއްލިގެން ހޯދަން އުޅުނުކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
އަޒުމީރުގެ ބައްޕަ އިބްރާހީމް އާދަމް ބުނީ އޭނާގެ އެންމެދޮށީ ފިރިހެން ދަރިފުޅު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އޭރުކުރިކަމަށާއި އަދި އެ މައްސަލަ އެ އަތޮޅުގައި ހުންނަ ޕޮލިސް ސްޓޭޝަނަން ހުށަހެޅި ކަމަށެވެ.
"މަނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމުން އެ ތަނުން ފުލުހުން މި ރަށަށް އައިސް ދަރިފުޅުގެ އައިޑީކާޑާއި ފޮޓޯއެއް ދިނުމަށް އެދުނު. ނަމަވެސް އައިޑީކާޑާއި ފޮޓޯއެއް ނެތްކަމަށް ބުނުމުން ފުލުހުން ދިޔައީ، އެހިސާބުން މަނަދޫ ޕޮލިހުންގެ ފަރާތުން މާ އެދެވޭ ޖަވާބެއް ނުލިބުނު،" އަޒުމީރުގެ ބައްޕަ މިއަދު ސީއެންއެމް ބުންޏެވެ.
އަޒުމީރުގެ ބައްޕަ ބުނީ އެ ދުވަސްވަރު ރަށާ ކައިރީގައި ހުރި ހުރިހާ ރަށަކަށް ގުޅައިގެންނާއި އެކި މީހުންގެ އެހީތެރިކަމާއެކު ދަރިފުޅު ފެނޭތޯ މަސައްކަތްކުރިކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ދަރިފުޅުގެ މައުލޫމާތެއް ލިބިފައިނުވާކަމަށް އޭނާގެ ބައްޕަ ބުންޏެވެ.
އޭގެ ފަހުން ކ. ގުރައިދޫގައި ހުންނަ އަޒްމީރުގެ ކޮއްކޮއަކު މެދުވެރިވެގެން އޭނާ އެންމެ ފަހުން މަސައްކަތް ކުރި ރިސޯޓުން އައިޑީކާޑް ކޮޕީއެއް ހޯދައިގެން ގުރައިދޫ ޕޮލިހަށް ހުށަހެޅި ކަމަށާއި ނަމަވެސް އޭގެ ފަހުންވެސް ފުލުހުންގެ ފަރާތުން އިތުރު މައުލޫމާތެއް ލިބިފައިނުވާކަމަށް އަޒްމީރުގެ ބައްޕަ ބުންޏެވެ.
މިމީހާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުން ވަނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792039 ނުވަތަ 3322111 ށް ގުޅުއްވައި އެކަން ރިޕޯޓު ކުރުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ