ކުޅުދުއްފުށި އެއާޕޯޓު މިއަހަރު އޮޕަރޭޝަނަށް ގެނެވޭތޯ މަސައްކަތް ކޮށްދިނުމަށް އެދިއްޖެ

ހދ. ކުޅުދުއްފުށީގައި ތަރައްގީކުރަމުންދާ އެއާޕޯޓުގައި ނުނިމި ހުރި މަސައްކަތްތައް ނިންމައި، އަހަރު ނިމުމުގެ ކުރިން އެއާޕޯޓު އޮޕަރޭޝަނަށް ގެނެވޭތޯ މަސައްކަތްކޮށްދިނުމަށް ކުޅުދުއްފުށީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފިއެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ރައިސް ސޯލިހާއެކު ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެއާޕޯޓުގެ މަސައްކަތް ނިންމައިދެއްވުމަށް އެދި ދަންނަވާފައިވާ ކަމަށެވެ. "އަޅުގަނޑުމެން ރައީސް އަރިހު ދެންނެވިން އެއާޕޯޓުގައި ނުނިމި ހުރި މަސައްކަތްތައް ނިންމަވައިދެއްވުމަށް. ރައީސް ދެންނެވި އެކަންތައް ކޮށްދެއްވާނެ ކަމަށް. އަހރު ނިމުމުގެ ކުރިން އެކަންތައް ފުރިހަމަވެ އެއާޕޯޓުގެ މަސައްކަތް ފެށުން އުއްމީދަކީ. އެ އުއްމީދު ރައީސް ދެއްވި،" ލަތީފް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރިޔާސީ ކެމްޕެއިނުގެ ފަހު ދުވަސްކޮޅު ކުޅުދުއްފުށި އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާ އެއާޕޯޓު ހުޅުވުމަށް ރަސްމިއްޔާތެއް ބޭއްވިއެވެ. ނަމަވެސް އެ އެއާޕޯޓު ހުޅުވިއިރު އޮތީ ހަމައެކަނި ރަންވޭ އެކެވެ. ޗެކް އިން ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތްއިރު ފަސިންޖަރުންނަށް ހާއްސަ ޓާމިނަލެއް، އެއާޓްރެފިކް ކޮންޓްރޯލު ޓަވަރެއް، ކަރަންޓު، ފެން އަދި ނަރުދަމާގެ ވަސީލަތްތަކެއްވެސް އެ އެއާޕޯޓުގައި ނެތެވެ. އެއާޕޯޓު ރަންވޭ ފަހުން ބޭނުންކުރީ ޖޮގިން ޓްރެކެއްގެ ގޮތުގައެވެ. ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅައި ދެއްވުމަކީ 2013 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ