އަދާލަތު ޕާޓީއާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ދެކެނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރަން ޖެހޭނީ 35 ގޮނޑިއަށް ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ހުށަހެޅުމަކީ 60 ގޮނޑިއަށް ވާދަކުރުން ކަމަށާއި އެ ހުށަހެޅުމަށް ތާއީދުކުރަނީ ހަމައެކަނި ޖުމްހޫރީ ޕާޓީން ކަމަށެވެ.
"އަދާލަތު ޕާޓީންނާއި އެމްއާރްއެމް އިން ދެކެނީ އެމްޑީޕީ ވާދަކުރަން ޖެހޭނީ 35 ގޮނޑިއަށް ކަމަށް. މިއީ އަޅުގަނޑަށް ބަލައިގަނެވޭނެ ކަމެއް ނޫން. އެމްޑީޕީން ހުށަހަޅަނީ 60 ގޮނޑިއަށް ވާދަކުރަން. މި ހުށަހެޅުމަށް ތާއީދުކުރަނީ ޖޭޕީން އެކަނި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ފުރުސަތު ލިބޭ 60 ގޮނޑީގެ ތެރެއިން 14 ގޮނޑިއަށް ޖޭޕީން ތާއީދުކުރާ ގޮތަށް އެއްބަސްވާ ކަމަށާއި އެ 14 ގޮނޑީގެ އިތުރުން އަބަދުވެސް އެމްޑީޕީން ކާމިޔާބުކުރާ ދާއިރާތަކާއެކު 50 ގޮނޑި ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
"އެމްޑީޕީއަށް އެބަ ފުރުސަތު ލިބޭ 60 ވާދަކުރުމަށް. އޭގެ ތެރެއިން 14 ގޮނޑިއަށް އިއްތިހާދުގެ ތާއީދު ނުވަތަ ޖުމްހޫރީ ޕާޓީގެ ތާއީދު ސާފުކޮށްދިނުމަށް އެ ޕާޓީން އެއްބަސްވޭ. މި 14 ގޮނޑީގެ އިތުރުން އަބަދުވެސް އެމްޑީޕީން ކާމިޔާބުކުރާ ދާއިރާތަކާއެކު 50 ގޮނޑި ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
އަދާލަތާއި ރައީސް މައުމޫން ދެކެނީ އެމްޑީޕީން ވާދަކުރަން ޖެހޭނީ 35 ގޮނޑިއަށް ކަމަށް: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ