ނިމިގެން ދިޔަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން މިއަދު ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުށް މިރޭ ބަލައިގެންފިއެވެ.
ސުޕްރީމް ކޯޓާ ހަވާލާދީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ރިޔާސީ އިންތިހާބާ ގުޅިގެން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައި، ހުށަހެޅުމުގެ ހުއްދަ ދޭން ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ މިއަދު ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައެއް ކަމަށާއި، ނަތީޖާ އޮޅުވާލާފައިވާ ކަމުގެ ހެކިތައް ވެސް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ދާއިމީ ނަތީޖާ ދައްކާ ގޮތުން ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96052 ވޯޓެވެ. އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް 134705 ވޯޓު ލިބިވަޑައިގެންފައި ވެއެވެ.
އިންތިހާބުގެ ނަތީޖާ ރައީސް ޔާމީނާއި ޕީޕީއެމުން ވަނީ ފުރަތަމަ ގަބޫލުކޮށްފައެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި ބައެއް މީހުން ދައްކާފައި ހުރި ވާހަކަތަކެއް ހިމެނޭ އޯޑިއޯއެއް ލީކުވުމާއެކު، ޕީޕީއެމުން ދަނީ ޝަރީފާއި އީސީގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ. އަދި އީސީގެ މެންބަރުން ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލީކަމަށް ބުނެ ޕީޕީއެމުން ދަނީ އެ ޕާޓީގެ އޮފީސް ކުރިމަތީގައި ކޮންމެ ރެޔަކު ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.
އެހެން ނަމަވެސް، އީސީގެ ރައީސް ޝަރީފު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. ލީކުވެފައިވާ އޯޑިއޯއަކީ ވެސް "ހަދާފައިވާ" އޯޑިއޯއެއް ކަމަށް ޝަރީފު ވިދާޅުވެއެވެ. އަދި އޭނާއާއި އެ ކޮމިޝަންގެ މެންބަރުންގެ އަބުރަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ، ޝަރީފު ވަނީ ޕީޕީއެމްގެ ބައެއް އިސް މެންބަރުންގެ މައްސަލަ ފުލުހަށާއި ސިވިލް ކޯޓަށް ހުށަހަޅާފައެވެ.
ރައީސް ޔާމީން ހުށަހެޅުއްވި އިންތިހާބުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ