އަދީބަކީ ޣައްދާރެއް، އަޅުގަނޑުގެ ވެރިކަމެއްގައިނަމަ ދޭނީ މަރުގެ އަދަބު – އުމަރު

ވެރިކަމުގައި ހުންނަވައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދަތުރު ކުރައްވަމުންދިޔަ ލޯންޗުކޮޅުގައި ބޮމެއް ހަރުކޮށް، ލޯންޗު ގޮއްވާލީ ސީދާ ކުރީގެ ރައީސް އަޙްމަދު އަދީބު ކަމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"ވަގުތު" އަށް ދެއްވި ޚާއްޞަ ބަންދީގަތުމެއްގައި، އެ ހާދިސާ ތަޙްޤީގުކުރި ކޮމިޝަނުގެ އެންމެ އިސް މީހެއްގެ ގޮތުގައި އުޅުނު އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ރައީސްގެ ލޯންޗު ގޮއްވާލީ އަދީބު ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އެ ހާދިސާގެ ތަހްޤީގުގައި އެއްކޮށްފައިވާ ހެއްކާއި، ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު، ލޯންޗު ގޮއްވާލާފައިވަނީ އަދީބުކަން އެނގޭ ކަމަށް އުމަރު ވިދާޅުވިއެވެ.
"މީނައަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށްޓަކައި ރައީސްގެ ލޯންޗުގައި ބޮމެއް ހަރުކޮށް ގޮއްވާލި މީހާ. ރައީސުލްޖުމްހޫރިއްޔާ ﷲ ގެ އިރާދަފުޅުން ސަލާމަތް ކުރެއްވީ، އެވަރުގެ ނުރައްކާތެރި މީހެއް އަދީބަކީ." އުމަރު ވިދާޅުވިއެވެ.
އުމަރު މިހެން ވިދާޅުވިއިރު، ކުރީގެ ރައީސް ޔާމީންގެ ވަރަށް އަރިސް މިނިސްޓަރެއްގެ ގޮތުގައި އުޅުއްވި، އަދި އަދީބުގެ ގާތް ބޭފުޅެއްގެ ގޮތުގައިވެސް ފެނިފައިވާ ކުރީގެ ފިޝަރީޒް މިނިސްޓަރު ޝައިނީ، އަދީބާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވެފައިވަނީ، ލޯންޗު ގޮއްވާލި ހާދިސާގެ ކަންކަން ބަލައި އޮޅުންފިލުވުމަށް އަދީބާ ބައްދަލުކުރުމުން ދެއްވި ޖަވާބު ގަބޫލުކުރެވޭ ކަމަށެވެ.
އެކަމާ ގުޅޭގޮތުން އުމަރު ވިދާޅުވީ، ޝައިނީ ވިދާޅުވި އެއްޗެއް ސާފުވެ ނުލެއްވި ނަމަވެސް، އަދީބަކީ ރާއްޖޭގައި އުފެދުނު އެންމެ ނުރައްކާތެރި ކުއްވެރިޔާކަން ޔަޤީންވާ ކަމަށެވެ.
"އަޅުގަނޑަކަށް ނޭނގޭ ޝައިނީ އެ ވިދާޅުވަނީ ކޮން ކަމެއްގެ ވާހަކައެއް ކަމެއް، އެކަމަކު އަޅުގަނޑަށް ޔަޤީންވާ ކަމަކީ އަދީބަކީ ރާއްޖޭގައި އުފެދުނު އެންމެ ނުރައްކާތެރި ކުއްވެރިޔާ. އެއްވެސް ހާލެއްގައި ދޫކޮށްލައިގެން ނުވާނެ ރާއްޖޭގެ އެއްވެސް ސަރުކާރަކުން މީނައެއް." އުމަރު ވިދާޅުވިއެވެ.
އިތުރަށް އުމަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއެއް އަވަހާރަ ކޮށްލުމަށް ހަތިޔާރު ނެގި މީހަކީ އެޤައުމުގެ ޣައްދާރެއް ކަމަށާއި، އެމީހަކަށް އެ ޤައުމުގައި ދޭ އެންމެ ބޮޑު އަދަބުން އަދަބު ލިބެންވާނެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާއެއް އަވަހާރަ ކޮށްލުމަށް ހަތިޔާރު ނެގި މީހަކީ އެޤައުމުގެ ޣައްދާރެއް، އެޤައުމެއްގެ އެންމެ ބޮޑު އަދަބުން އަދަބު ލިބެންވާ މީހެއް. އެމީހަކީ އަދީބު. އަޅުގަނޑުގެ ވެރިކަމެއްގައިނަމަ، އަދީބަށް މަރުގެ އަދަބު ލިބޭނެ." އުމަރު ނަސީރު ވިދާޅުވިއެވެ.
ލޯންޗު ގޮއްވާލި ހާދިސާއަށްފަހު ހައްޔަރުކުރި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް ތަފާތު މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމް އިއްވާފައިވާއިރު، ޞިއްޙީ ޚާލަތު ގޯސްވުމުގެ ސަބަބުން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ޑޮކްޓަރުންގެ ލަފާގެ މަތިން އަދީބު މިވަގުތު ހުންނެވީ ގޭބަންދުގައެވެ. ގޭބަންދަށް ބަދަލު ކުރުމާއެކު "އެމްޓީޑީ" ގެ ނަމުގައި އަލަށް އުފައްދާ ސިޔާސީ ޕާޓީއަށް އަދީބު ވަނީ އެންމެ ފުރަތަމަ ސޮއި ކުރައްވާފައެވެ.
އަދީބުއަށް ސަޕޯޓްކުރާ ފަރާތްތަކުން އަދީބު މިނިވަން ކުރުމަށް ގޮވާލަމުންދާއިރު، އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ އަދީބު މިނިވަން ކޮށްގެން ނުވާނެ ކަމަށެވެ. އަދި އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމަށްވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ