ޕީޕީއެމްގެ ދަރަންޏަށް ޔާމީން ޒިންމާވާން ޖެހޭނަމަ، ޑީއާރުޕީގެ ދަރަންޏަށް މައުމޫނު ޒިންމާވާން ޖެހޭނެ: ކާނަލް ނަޝީދު

ޕީޕީއެމްގެ ދަރަންޏަށް ރައީސް އަބްދުﷲ ޔާމީން ޒިންމާ ނަންގަވަން ޖެހޭނަމަ، ޑީއާރުޕީގެ ދަރަންޏަށް ރައީސް މައުމޫނު އަބްދުލް ގައްޔޫމުވެސް ޒިންމާ ނަނ ްގަވަން ޖެހޭނެ ކަމަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.
ނަޝީދު ވިދާޅުވީ ރައީސް މައުމޫނު ޑީއާރުޕީ ދޫކުރައްވައި ވަޑައިގެންނެވިއިރު، އެޕާޓީގައި ގާތްގަނޑަކަށް 35 މިލިއަން ރުފިޔާގެ ދަރަނި ހުރި ކަމަށެވެ. އެހެން ނަމަވެސް ވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދަވައި އުޅުއްވީ ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ.
"ސިޔާސީ ޕާޓީތަކަކީ ގާނޫނީ ވަކި ޝަހްސެއް. އެތަނެއްގެ ދަރަންޏަށް ޒިންމާވާން ޖެހޭނީ އެތަނަކުން" ކާނަލް ނަޝީދު ވިދާޅުވިއެވެ.
ޕާޓީތަކުގެ ދަރަންޏަށް ވެރިން ޒިންމާވާން ޖެހޭ ވާހަކަ ފެންމަތިވެގެން އައީ ޕީޕީއެމް ދޫކުރައްވައި ރައީސް ޔާމީން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓުމާއެކުގައެވެ. އެކަމާއި ގުޅިގެން ރައީސް މައުމޫނު ފަޅީގެ އިސް ބޭފުޅުން ފާހަގަ ކުރައްވަނީ ޕާޓީ ދަރުވާލާފައި ވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި އެދަރަނި ތަކަށް ރައީސް ޔާމީން ޒިންމާ ނަންގަވަން ޖެހޭނެ ކަމަށެވެ.
އެކަމަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ ޑީއާރުޕީ ދޫކުރައްވައި ރައީސް މައުމޫނު ވަޑައިގެންނެވިއިރު 2008 ގެ ކެމްޕޭނަށް ކުރެއްވި ހަރަދުތަކާއެކު ދަރަނީގެ ގޮތުގައި 35 މިލިއަނާއި ގާތްކުރާ އަދަދަކަށް ފައިސާ ހުރި ކަމަށެވެ.
"މިއަދު އަޅުގަނޑު މިވަނީ އޭގެ ތެރެއިން ގިނަ ފައިސާ ދައްކާ ދަރަނިތައް މެނޭޖްކޮށްފައި. ޕާޓީ އެއްލާލާފަ ވަޑައިގަތީ. އެހެންވީމާ އެފައިސާތައް ދައްކަން ވަޑައިގަންނަންވީ ނޯންތޯ ރައީސް މައުމޫނާއި ޓީމް" ނަޝީދު ވިދާޅުވިއެވެ.
ރައީސް މައުމޫނު ޑީއާރުޕީ ދޫކޮށްލަން ޖެހުނީ، ޕާޓީ ތެރޭގައި ރައީސް މައުމޫނާއި ތަސްމީނު އަލީއާއި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގައެވެ. އޭރު ޑީއާރުޕީއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހިފައި އޮތީ މެމްބަރު އަހްމަދު އާމިރުގެ ކުންފުންޏަށެވެ. އާމިރުގެ ކުންފުންޏަށް 19 މިލިއަން ރުފިޔާ ޖޫރިމަނާއާއެކު ނުދައްކާ އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ