އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރުމަށް މީކާއިލްގެ ކެމްޕޭން ލޯންޗުކޮށްފި
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ "އިތުބާރު" ކެމްޕޭން މިއަދު ރަސްމީކޮށް ލޯންޗުކޮށްފި އެވެ.އެކަމަށްޓަކައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީކާއިލް ވިދާޅުވީ ޗެއާޕާސަން މަގާމަށް ކުރިމަތިލައްވަން ނިންމެވީ ޕާޓީގެ ހުރިހާ މެމްބަރުންގެ މަސްލަހަތު އިސްކޮށް ޕާޓީ މެމްބަރުންގެ އިތުބާރު އޮތް މީހެއްގެ ނިޔަމިކަމުގައި އަންނަ ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބު ކޮށްދިނުމަށް ކަމަށެވެ.އެގޮތުން އޭނާ ވިދާޅުވީ ޕާޓީގެ ލީޑާޝިޕާއި މެންބަރުންނާ އޮތް ގުޅުން ކުޑަ ކަމަށާއި އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.އެމްޑީޕީއަށް އިންތިހާބުތައް ކާމިޔާބުވެފައި އޮތީ، ޕާޓީގެ ހުރިހާ ބޭފުޅުން ވެސް އެކު އެކީގައި މަސައްކަތް ކޮށް އެންމެންގެ މަސްލަހަތުގައި މަސައްކަތް ކޮށްގެން ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ.ޗެއާޕާސަން އިންތިހާބުގައި މީކާއިލްގެ އިތުރުން ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީއެވެ.މީކާއިލަކީ 2024 ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބުކުރެވުނު މަދު ގޮނޑިތަކުގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ދިފާއުކުރެއްވި މެންބަރެވެ. 2012 ވަނަ އަހަރުން ފެށިގެން އެމްޑީޕީގައި ހަރަކާތްތެރިވަމުން އަންނަ މީކާއިލް ވަނީ މީގެ ކުރިން އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސްކަން ވެސް ކުރައްވާފައެވެ. އޭނާއަކީ މިހާރުވެސް ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެކެވެ.އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން، ޗެއާޕާސަންގެ މަގާމަކީ ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކުރާ، ޕާޓީގެ އެތެރޭގެ ހިންގުމާއި އިދާރީ ކަންކަން ރާވާ އިންތިޒާމުކުރާ އެންމެ އިސް މަގާމެވެ. މީގެ ތެރޭގައި ސަރުކާރާއި އެހެނިހެން ސިޔާސީ ޕާޓީތަކާއެކު މުއާމަލާތް ކުރުމާއި، ޕާޓީގެ ކޮންގްރެސް އާއި ގައުމީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން ފަދަ މުހިންމު ޒިންމާތައް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ